23 Mar 2019, 23:58
ހައްގުތައް ކަށަވަރު ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ނުހުންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް އެ އަތޮޅު ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު މިރޭ ވިދާޅުވީ، ފާއިތުވެދިޔަ ރިޔާސީ ދައުރުގައި އަސާސީ ހައްގުތައް އޮތީ ރައްޔިތުންގެ ކިބައިން އަތުލައިގެންފައި ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ ހައްގާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ނިގުޅައިގެންފައި ކަމަށް ވިދާޅުވި އެވެ.
އަދި ދައުލަތުގެ މާލީ އިދާރާތަކާ މެދު ރައްޔިތުންގެ އިތުބާރު އޭރު ގެއްލިފައި އޮތް އިރު ޖުޑިޝަރީއަށް އޮތީ ސަރުކާރުގެ ނުފޫޒު ފޯރުވާފައި ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީސްވެސް އޮތީ އެތަނުގެ ތެރޭގައި މަސައްކަތް ނުކުރެވޭ ހާލަތުގައި ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރާ ހިޔާލުތަފާތުވި ކޮންމެ މީހަކު ޖަލަށްލި ކަމަށާއި ނަމަވެސް، މިއަދު އެއްވެސް ސިޔާސީ ލީޑަރަކު ޖަލުގައި ނޯންނާނެ ކަމަށެވެ.
"އަދި ސިޔާސީ ގޮތުން އޭރުގެ ސަރުކާރާ ހިޔާލުތަފާތުވާ ކޮންމެ މީހަކު އޮތީ ޖަލުގެ ކުޑަގޮޅި ތަކުގެ ތެރޭގައި ބަންދުކުރެވިފައި،"
"މިއަދު ހަމަ ގައިމުވެސް ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި އިރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. ނަމަވެސް އެފަހުން އެމަނިކުފާނު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ރައީސް ސޯލިހު މިރޭ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގާތެރި ވެރިކަމެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ކުރެވިފައި ހުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވި އެވެ.
އެގޮތުން ހައްގުތައް ގެއްލުވާލި އެތައްް ގާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަދަލުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަދި މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވައިލުމާއި ބޭރުން ކިޔަަވަން ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ގާއިމް ކުރުމާއި ސްކޫލް ކުދިންނަށް ނާސްތާ ދޭން ފަށާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން، ބޭރު ދުނިޔޭގައި ރާއްޖެއަށް ގެއްލިފައި އޮތް އިތުބާރުވެސް އަލުން އަނބުރާ ހޯދިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރައްވައި ކެމްޕޭން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހު މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރައްވަމުންނެވެ.