ފިހާރަ ބަންދުކޮށްފައި ގެއަށް ދަނިކޮށް، ޏ. ފުވައްމުލަކު ސޭޓެއްގެ އަތްދަބަސް ބަޔަކު ފޭރިގަނެގެން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކު "ލާކިޔާ"ފިހާރަ ރޭ 11:30 ހާކަންހާއިރު ބަންދުކޮށްފައި އެ ފިހާރައިގެ ސޭޓު ފައިސާ ދަބަސް ހިފައިގެން ގެއަށް ދިޔަ ވަގުތު ގުރޫޕަކުން ގޮސް އޭނާ އަށް ބިރުދެއްކުމަށް ފަހު އަތްދަބަސް ފޭރިގަތްފައިވާ ކަމަށެވެ. އަދި އެ ދަބަހުގައި 120،000 ރުފިޔާ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ފިހާރަައިގެ ސޭޓަށް އަނިޔާވި ކަމެއް ވެސް ނުވަތަ ނުވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

ފުވައްމުލަކުގައި މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަނީ ވިޔަފާރިވެރިއަކަށް ތޫނުއެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފަ އެވެ.