23 Mar 2019, 23:46
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ހައިތަމްގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލައިފި އެވެ.
އިސްކަންދަރު މަގު، މައްޗަންގޯޅި އާސަހަރާ ކުރިމަތީ ހުންނަ ހައިތަމްގެ ކެމްޕެއިން ޖަަގަހައިގެ ބިއްލޫރިގަނޑު ތަޅާލައިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން ހައްތަމް ނިސްބަތްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ހައިތަމްގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުންގެ ޖަގަހަތަކަށް ހަމަލާދިން ނަމަވެސް އަދި އެކަން ކުރަނީ ކޮންބައެއްކަން އެނގުނަސް، އެ ހަމަލާތަކަށް ރައްދު ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ކެތްތެރި ވެލައްވާ. ހިތްވަރު ކުރައްވާ. އިރާފުޅުން އެމްޑީޕީ އިން [މަޖިލިސް އިންތިހާބު] ކާމިޔާބު ކުރާނެ. އެޖްންޑާ 19 ތަފާތު ވާނެ،" ހައިތަމްގެ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލީ ފޮޓޯއާއެކު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
MDP candidatunge jagaha thakah hamalaadhin namaves adhi ekankan kuranee konbaeh kan ingunas, MDP ge evves membereh adhi supportereh rahdhu nudhevvun varah edhen. Kehtheri velavvaa, hivvaru gadha kuravva. Iraadhafulhun MDP kaamiyaab kuraane.#Agenda19thafaathu vaanepic.twitter.com/vZuXszf4cV
— Mohamed Nasheed (@MohamedNasheed)March 23, 2019
ހައިތަމްގެ ޖަގަހަ އަށް ރޭ ބަޔަކު ގެއްލުންދީފައިވާއިރު، އެމްޑީޕީ ޓިކެޓްގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ، އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކައިލް އަހްމަދު ނަސީމްގެ ޖަގަހައަށް ދެ ފަހަރެއްގެ މަތިން ވަނީ ގެއްލުން ދީފައެވެ.
މީގެ އިތުރުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ޖަގަހައިގެ ބިއްލޫރިގަނޑު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ތަޅާލާފައެވެ.
އިރުތިޝާމް އެހަމަލާ ސިފަ ކޮށްފައިވަނީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށެވެ.