23 Mar 2019, 20:29
ލ. މެންދޫގައި ހިންގާ ދަނޑުވެރިކަމާ ގުޅޭ ޕްރޮޖެކްޓަކަށް 1199 ރުއްގަސް ނަގަން ހުއްދަ ދީފައިވާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
މެންދޫއަކީ ދަނޑުވެރިކަން ތަރައްގީކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން އާދިލްއަށް ދޫކޮށްފައިވާ ރަށެކެވެ.
އެ ރަށުގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއަކަށް ބިން ސާފު ކުރުމަށް އުފުރާ ރުއްގަސް ދަނީ އެނބޫދޫފަޅުގައި ތަރައްގީ ކުރާ ރިސޯޓަކަށް ގެންދަމުންނެވެ. އަދި އެ ރުއްގަސް ގެންދިޔުމަށް އެ ރަށަށް ބާޖު ކައިރި ކުރުމަށް އެ ރަށުގެ ފަޅުވެސް ވަނީ ކޮނެފަ އެވެ.
އީޕީއޭގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، އެ ރުއްގަސް އެނބޫދޫފަޅަށް ގެންދަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މެންދޫގައި ކުރިއަށް ގެންދާ މަޝްރޫއަކަށް ހެދި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ވާގޮތަށް މެންދޫއިން 1199 ރުށް އުފުރަން ހުއްދަ ދީފައިވާނެ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، ބާޖު ވައްދަން ފަޅު ކޮނުނީވެސް ނަގަން ޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށެވެ.
މެންދޫގައި ކުރިއަށްގެންދާ ދަނޑުވެރިކަމާ ގުޅޭ މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ނަގަން ޖެހޭ ހުއްދަތައް ދޫކޮށް، އެންވަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި އީޕީއޭއިން ތިމާވެށީގެ ކްލިއަރަންސް ދޫކޮށްފައިވާ މަޝްރޫއެއް ކަމަށް މިއަދު އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މެންދޫގައި ހިންގަމުންދާ ފަދަަ މަޝްރޫއުތައް ހިންގުމަށް ނެގޭ ރުއްގަސް، އެ ރުއްގަސް ނެގޭ ރަށެއްގެ އެހެން ސަރަަހައްދެއްގައި އިންދުމަށް ގިނަފަހަރު ޖާގައެއް ނުހުންނަ ކަމަށާއި އެހެން ކަމުން ރުއްގަސް އެހެން ރަށްތަކަށް ގެންގޮސް އިންދުމުގެ ހުއްދަަ އެ އެޖެންސީއިން ދެމުން އަންނަ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ރަށަކުން ނެގޭ ރުއްގަސް އެ ރަށެއްގައި އިންދާނެ ޖާގައެއް ނެތްކަމުގައިވާނަމަ، އެ ރުއްގަސް އެހެން ރަށެއްގައި އިންދާ އާލާކުރުމަކީ އެ ރުއްގަސް ކަނޑާލުމަށް ވުރެ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ފައިދާ ބޮޑު ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އަދި ގަވައިދާ އެއްގޮތަށް އެއްތަނުން އަނެއްތަނަށް ރުއްގަސް ނަގައިގެން ގެންދިޔުމަކީ އެކަމުގައި މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އީޕީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ތަރައްގީގެ މަޝްރޫއުތައް ހިންގަން ނަގަން ޖެހޭ ރުއްގަސް ނެގުމާއި، އިންދަން ޖެހޭ ރުއްގަސް އިންދުމާއި، އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމަކީ، ހެދިފައި ހުރި ގަވައިދުތަކާ އެއްގޮތަށް އެކަން ކުރިއަށްގެންދާ ނަމަ އެކަމުގައި ހުރަހެއް އަދި ނުބައެއް އޮތް ކަމެއް ނޫނެވެ. އަދި ނަގަން ޖެހޭ ހުއްދަތައް ނުނަގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާ މެދު މި އެޖެންސީއިން މިދަނީ ތަފާތުކުރުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ." އެ ބަޔާނުގައިވެ އެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެނައުމަށް ދޭން ޖެހޭ ޓެކްނިކަލް ލަފާ އެ އެޖެންސީއިން ދެމުން އަންނަ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ އެޖެންސީއިން އަޅާނެ ކަމަށް އީޕީއޭގެ ބަޔާނުގައިވެ އެވެ.
ރުއްގަސް އުފުރުމާއި ކެނޑުމަކީ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.