ޖުޑިޝަރީ އިސްލާހު ކުރަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށާއި އެކަން އަމަލީ ގޮތުން ކުރަން ނޫޅޭ ކަމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ގައްދޫ ރަޝީދު) ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ގައްދޫ ދާއިރާއަށް ވާދަ ކުރައްވާ ރަޝީދު އެހެން ވިދާޅުވީ، މިއަދު ޕީއެސްއެމްގެ ގައްދޫ ދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ވާހަކައަކީ ކޮންމެ މަޖިލިސް އިންތިހާބަކާ ދިމާކޮށް ދައްކާ ވާހަކައެއް ކަމަށެވެ. ޖުޑިޝަރީގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް އޭނާވެސް ގަބޫލު ކުރެއްވާ ކަމަށާއި ނަމަވެސް، އެ ވާހަކަ ދައްކަމުން ދަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް ރަޝީދު ވިދާޅުވި އެވެ.

"އިސްލާހު ކުރާ ވާހަކަ އެއީ ސިޔާސީ ވާހަކައެއް، އެއީ އަމަަލީ ގޮތުން ކުރަން އުޅޭ ވާހަކައެއް ނޫން. އެކަން ކުރަން އުޅޭ ކަމަށް ވަންޏާ އެކަން ވާނެ. އެއީ ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރަން އުޅޭ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ އިހްލާސްތެރިކަމެެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރާ ނަމަ އިސްލާހު ކުރެވޭނީ، މިނިވަން މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންވެސް އިސްލާހުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެކަނި ޖުޑިޝަރީ އެކަންޏެއް ނޫން އިސްލާހު ކުރަން ޖެހެނީ، އިސްލާހު ކުރަން ޖެހޭ ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތައް، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން އިސްލާހު ވާން ޖެހޭ، ހުރިހާ ޕާޓީތައް އިސްލާހު ވާން ޖެހޭ. މި އެންމެން އިސްލާހު ވެގެން ނޫނީ ޖުޑިޝަރީވެސް އިސްލާހެއް ނުވާނެ،"

އޭގެ އިތުރުން މިއަދުގެ ބަހުސްގައި ރަޝީދު ވަނީ ވޯޓު ގަނެ ވިއްކުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ، ވޯޓު ގަނެވިއްކުމަކީ މިހާރު ސަގާފަތަކަށްވެ، އާންމުވެފައިވާ ކަމެއް ކަމަށެވެ. އަދި ވޯޓު ވިއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައިވީ ނަމަވެސް ބޮޑު އަދަދުތަކުން ހަރަދު ކުރާނެ ކަމަށް ބައެއް ކެންޑިޑޭޓުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރަޝީދު ވިދާޅުވީ، އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"މިއީ އަޅުގަނޑު އެކަމަށް ދެކޮޅު ހަދާ، އަދި އަޅުގަނޑުގެ ދާއިރާގެ ކުރިމަގަށް މަސައްކަތް ކުރާ މަސައްކަތް ކުރާ ހުރިހާ ބޭފުޅުން ވެސް އެކަމަކަށް ނަފުރަތު ކުރާ ކަމެއް،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ގައްދޫ ދާއިރާއަށް ވާދަ ކުރައްވަނީ ރައީސް ޔާމީންގެ ތާއީދާ އެކު އެވެ. އޭނާ އަކީ އެ ދާއިރާއަށް ވާާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަމްބަރު ތިނެކެވެ.