މަސް ދުވަސްނުވާ ތުއްތު ކުއްޖަކު، މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ތުއްތު ކުއްޖެއްގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ތުއްތުކުއްޖާގެ މަންމަ އަދި ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުފައިނުވާ ކަމަށެވެ. ނަމަވެސް ތުއްތުކުއްޖާ އަށް މަންމަގެ އެހީތެރިކަން ބޭނުންވާނެތީ، އެ ކުއްޖާއާ އެކު މަންމަ ވެސް ހޮސްޕިޓަލުގައި ހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެ އަންހެން މީހާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެއް ނުވޭ. އެއީ ތުއްތު ކުއްޖަކަށް ވީތީ އެ ކުއްޖާ އަށް މަންމަގެ އެހީތެރިކަން ބޭނުންވާނެ. އެހެންކަމުން މިހާރު ވެސް ތުއްތު ކުއްޖާއާ އެކު މަންމަ ވެސް ހުރީ ހޮސްޕިޓަލުގައި،" ޝިޔާމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އަށް މަހުގެ ތުއްތު ކުއްޖަކު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ކުއްޖާގެ ފުރަގަސްފަރާތާއި ލޮލަށް އަނިޔާ ވެފައިވާތީ، އެ ކުއްޖާގެ މަންމަ ކުއްޖާ ބެލުމުގައި އިހްމާލުވެފައިވާ ކަމަށް ކޯޓުން ނިންމައި ވަނީ ކުއްޖާގެ މަންމަ އަށް ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.