15 Oct 2011, 14:34
އަނިޔާގައި ހުރި އާސެނަލްގެ ބެލްޖިއަމް ޑިފެންޑަރު ތޯމަސް ވެމަލިން ދެހަފްތާ ތެރޭ ކުޅުމަށް އެނބުރި އަންނާނެ ކަމަށް އެކުލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މިހާރު ވެމަލިން ދަނީ އާސެނަލްގެ ފަރިތަކުރުން ތަކުގައި ބައިވެރިވަމުން ކަމަށް ވެންގާ ބުންޏެވެ.
މިދިޔަ އޮގަސްޓް މަހު ކުރިއަށް ދިޔަ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކޮލިފައިންގައި އުދިނޭސީ އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން އާސެނަލް މޮޅުވި މެޗުގައި ވެމަލިން އަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އެ އަނިޔާ އާއި ގުޅިގެން ސެޕްޓެމްބަރު މަހު ވެމަލިން ވަނީ ސާޖަރީ އެއް ހަދާފައެވެ.
މިމަހު ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވަމުން އަންނަ ވެމަލިން އަށް މިމަހު 29 ވަނަ ދުވަހު ޗެލްސީ އާއި ދެކޮޅަށް ކުޅޭ ޕްރެމިއާ ލީގު މެޗަށް ނުކުމެވޭނެ ކަމުގެ އިޝާރާތެއް ވެންގާ މިވަނީ ދީފައެވެ.
އުމުރުން 25 އަހަރުގެ ވެމަލިން އަކީ 2009 ވަނަ އަހަރުގެ ފްރާންސްގެ އަޔެކްސް އިން އާސެނަލް އަށް ބަދަލުވެ، އެކުލަބަށް މޮޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިއެކެވެ. ނަމަވެސް ވެމަލިން އަށް ލިބެމުން ދިޔަ އަނިޔާ ތަކާއި ގުޅިގެން އާސެނަލްގެ ޑިފެންސް ލައިނަށް ގިނަ މައްސަލަތަކެއް ކުރިމަތި ވެފައި ވެއެވެ.
"ދެހަފްތާތެރޭ ވެމަލިން އަށް ކުޅަމަށް އެނބުރި އާދެވޭނެ. އޭނާ މިހާރު ފަރިތަކުރުންތަކުގައި ވެސް ބައިވެރިވޭ. އޭނާގެ އަނިޔާ މިހާރު ރަނގަޅު. އެހެން ނަމަވެސް އަހަރެމެން އޭނާ އަށް އަދި ދެހަފްތާ ގެ ރެސްޓެއް ދޭން ޖެހޭ." ކޯޗު ވެންގާ ބުންޏެވެ.
މިޑްފީލްޑަރު އަބޫ ދިއާބީ ވެސް އަނިޔާއިން ސަލާމަތް ވެގެން ކުޅުމަށް އެނބުރި އަންނާނެ ކަމަށް ވެންގާ ބުނާއިރު، ޑިފެންޑަރު ބަކަރީ ސަންޔާ އާއި ޖެކް ވިލްޝެޔާ އަށް ލިބިފައިވާ އަނިޔާ އިން ސަލާމަތް ވާން އަދި ދުވަސްތަކެއް އެބައޮތެވެ.
"ދިހަ ދުވަސްތެރޭ ދިއާބީ އަށް ކުޅުމަށް އެނބުރި އާދެވޭނެ. ކާލިންގް ކަޕު މެޗަށް ނޫނީ އޭގެ ކުރިން ކުޅެން ޖެހޭ މެޗަށް އޭނާ ފިޓް ވާނެ." ވެންގާ ބުންޏެވެ.