08 Jun 2010, 14:58
19:00
ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖައްސާފައިވާ މީޑިއާ ޕާކުން ބީލަން އުސޫލުން ކުއްޔަށް ދިނުމަށް ހުޅުވާލި 14 ބިމެއް ހަތް ފަރާތަކުން ކާމިޔާބުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބީލަމުގެ އުސޫލުން 25 އަހަރަށް ކުއްޔަށް ދިނުމަށް ހުޅުވާލި 14 ބިމަކީ ދެ ހާސް އަކަފުޓާއި ފަސް ހާސް އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށާއި އަދި އެކުންފުނިން ހުޅުވާލި ބީލަމާ ގުޅިގެން މިދިޔަ ފެބްރުއަރީ ހަތަރަކުން ފެށިގެން މާޗް 25 ގެ ނިޔަލަށް އަށް ފަރާތަކުން ބީލަން ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައިވާ ހަތް ފަރާތަކާއެކު ބީލަމުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެހެން ނަމަވެސް މީޑިއާ ގުޅުން ހުރި ހިދުމަތްތައް ދިނުމަށް ކުއްޔަށްދޭ ބިންތަކަށް ހުށަހެޅި އަގުތަކެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.
އެޗްޑީސީން ބުނީ ކުއްޔަށް ދިނުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތްތަކުގެ ތެރެއިން ހަ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން ސޮއިކޮށްފައިވާ ފަރާތްތަކަކީ ސަން އެފްއެމާއި ނޮވެލްޓީ ޕްރިންޓާސް އާއި އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (ވީޓީވީ) އާއި މީޑިއާ ނެޓް އަދި ތިންކް އެސޯސިއޭޓްސް އާއި ފުޖީ ފިލްމް ޑިޖިޓަލް އިމޭޖިން ސްޓޭޝަން (އެފްޑީއައި) ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑިސީން ބުނީ ބީލަން ކާމިޔާބުކުރި ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބިން ތަރައްގީކޮށް ނިންމަން ޖެހޭނެ ކަމަށެވެ. އަދި އެޗްޑީސީން ކުރި އިއުލާނުގެ ދަށުން ކުއްޔަށް ދޫކުރާ ބިންތަކުގައި މުޅިން ވެސް ކުރަން ޖެހޭނީ މީޑިއާ އާ ގުޅުން ހުރި މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ތެރޭގައި ޕްރިންޓްކުރުމާއި ޕަބްލިޝްކުރުމާއި އިސްތިހާރާއި ބިލް ބޯޑު އުފެއްދުމާއި ނޫސް މަޖައްލާ ޝާއިއުކުރުމާއި ފިލްމު އުފެއްދުމާއި ގްރެފިކް ޑިޒައިނާއި މަލްޓިމީޑިއާ ސްޓޫޑިއޯ އަދި ސިނަމާ ފަދަ ތަންތަން ތަރައްގީކުރުން ހިމެނޭ ކަމަށް ވެސް އެޗްޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ބީލަން ކާމިޔާބުކުރި އިތުރު ފަރާތްތަކާއެކު މި ހަފުތާގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.