ވެރިކަމުގައި ކިތަންމެ ގިނަ ދުވަހަކު ހުންނަން ޖެހުނު ނަމަވެސް ކުޑަކޮށްވެސް ވައްކަމެއް ނުކުރާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ރ. އަތޮޅުގެ ގޮނޑިތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކު މިރޭ އެއަތޮޅު އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމާ ހަވާލުވިފަހުން ރައްޔިތުންނަށް ކޮންމެހެން ކޮށްދޭން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.

އެގޮތުން މި ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންތައްތައް ރައީސް ސޯލިހު ވަނީ ކިޔައި ދެއްވާފަ އެވެ. އަދި މިވެރިކަމުގައި 'ބޮޑު' އެއްވެސް ކަމެއް ކޮށްދެވެފައިނުވާ ކަމަށް ބުނާ މީހުނަށް ރައީސް ވަނީ ނުސީދާކޮށް ރައްދު ދެއްވާފަ އެވެ.

"އަޅުގަނޑުމެން ހަމަ ގައިމުވެސް ބޮޑުކޮށެއް ނޫން ކުޑަކޮށް ވެސް ވައްކަމެއް ނުކުރާނަން. ކިތަންމެ ގިނަ ދުވަހެއް ވެރިކަމުގައި މިހެން ތިބެން ޖެހުނަސް އެއީ އަޅުގަނޑުމެން ހަމަ ގައިމުވެސް ނުކުރާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިވެރިކަން ދެމިގެން ދާނީ ވަކި ރަށެއް ވަކި މީހެއް ބެލުމެއްނެތި ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރ. އަތޮޅުގެ ތަރައްގީއަށް ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދާއިރާގެ ހިމެނޭ ހުރިހާ ރަށެއްގައި އަލިފުށީ ދާއިރާގަ ހިމެނޭ ހުރިހާ ރަށެއްގަ އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.