22 Mar 2019, 19:14
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ލިބޭނީ ހަ ގޮނޑިއެއް ނޫން ކަމަށާއި މި އިންތިހާބްގައި އެހާ ނިކަމެތިގޮތަކަށް ނުފެންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު އެހެން ވިދާޅުވެފައި އެ ވަނީ، ޕީޕީއެމް ކޯލިޝަނާ އެކު ނިކުމެ ރަނގަޅު ހަ ގޮނޑި ވެސް ޖޭޕީއަށް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މި އިންތިހާބްގައި ޖުމްހޫރީ ޕާޓީއަށް ލިބޭނީ ހަ ގޮނޑިއެއް ނޫނޭ. ޖުމްހޫރީ ޕާޓީއަކީ ހަގީގަތުގައި ރާއްޖޭގެ ސިޔާސީ ގޮތުން މިސްރާބު ކަނޑައެޅުމުގައި ސަމުގާގެ ގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ބަލާފައި އޮތް ޕާޓީ. އެހެންވީމަ ޖުމްހޫރީ ޕާޓީއަކީ އެހާ ނިކަމެތި ޕާޓީއެއް ގޮތުގައި މި އިންތިހާބްގައި ފެނިގެނެއް ނުދާނެ،" ޖޭޕީގެ ފަރާތުން ދަނގެތީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ކެމްޕެއިން ކުރެއްވުމަށް މިއަދު ދިގުރަށުގައި ބޭއްވި ޖަލްސާއެއްގައި އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަން ޕާޓީތައް ބައިބައިވެގެން ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަން ފާހަގަކޮށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަމުގެ ސަބަބުން ހުއްޓޭނީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.
ޖޭޕީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނީ އެ ޕާޓީން ޕީޕީއެމް ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ނިންމި ހިސާބުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރުންމަތީ ދެމި ހުންނަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ.
"23 ސެޕްޓެމްބަރ ގައި ވެސް ލީޑަރުން ތިބީ އެއްކޮށް އެހެންވީމަ އަޅުގަނޑު ޔަގީން ކުރަން ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ މި ސަރުކާރު ފަސް އަހަރު ހިފެހެއްޓުމުގައި އަތާ އަތް ގުޅާލައިގެން ތިބޭނެ ކަމަށް. އެއީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތަކީ،" އަލީ ވަހީދު ވިދާޅުވި އެވެ.