15 Oct 2011, 14:54
ފިޓްޖެހިގެން ނ. މަނަދޫން މާލެ ގެނައި އެއް މަހުގެ ކުއްޖަކު އިންކިއުބޭޓަރެއްގެ ބަދަލުގައި ފުޅިމަދު ފޮށިގަނޑަކަށްލީ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސަން އަށް ވަނީ އެ ކުއްޖާ ފުޅިމަދު ފޮށިތެރޭގައި ބާއްވާފައި އޮތް ފޮޓޯތައް ލިބިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މަތި ޖަހާފައި އޮތް ފުޅިމަދު ފޮށީގެ މަތިން ހަތަރެސްކަން ގޮޅިއެއް ކަނޑާލާފައިވެ އެވެ. އަދި ކުއްޖާގެ ހަށިގަނޑަށް ހޮޅި ގުޅާފައިވާ މަންޒަރު ވެސް ފެނެ އެވެ.
ނ. ހޮޅުދޫ ދެމަފިރިއެއްގެ އެއް މަހުގެ ތުއްތު ކުއްޖާގެ ބައްޕަ އަހުމަދު ޝިފާން މިއަދު ބުނީ އޭނާގެ ދަރިފުޅު ދެ ފަހަރަށް މާލެ ގެނައިއިރު ވެސް އެއްވެސް ސިއްހީ އެހީތެރިއަކާ ނުލައި މަނަދޫ ހޮސްޕިޓަލުން މާލެ ފޮނުވާލީ ފުޅިމަދު ފޮށިގަނޑަކަށް ލާފައި ކަމަށެވެ. އަދި ފިޓްޖެހިގެން މާލެގެނައި ދަރިފުޅު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު އިތުރު ފަރުވާ އަށް ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވީ ނަމަވެސް ދަރިފުޅު ހޮސްޕިޓަލުން ނުނެރެވި އޮތީ ބިލުތަކަށް ދައްކާނެ ފައިސާ ނެތިގެން ކަމަށް ދަރިފުޅުގެ ބައްޕަ ބުންޏެވެ.
ސަން އަށް މަޢުލުމާތު ދެމުން ކުއްޖާގެ ބައްޕަ އަހުމަދު ޝިފާން ބުނީ އެ މީހުންގެ އަލަތު ދަރިފުޅު ބާއްވަފައި މިހާރު އޮތީ ހޮސްޕިޓަލްގެ ނާސަރީގައި ކަމަށެވެ. އަދި އެގޮތަށް ދަރިފުޅު ނާސަރީގައި ބާއްވާފައި އޮންނަތާ ތިން ހަފްތާ ވެފައިވާ ކަމަށެވެ.
http://sun.mv/uploads/l_1170465.jpg
"ހޮޅަދޫ ސިއްހިމަރުކަޒުން އެކުއްޖާ އަށް ފަރުވާ ނުދެވިގެން ފޮނުވާލީ މަނަދޫ ހޮސްޕިޓަލަށް. މަނަދޫ ހޮސްޕިޓަލުން ދަރިފުޅު މާލެ ގެންނަންލީ ފުޅިމަދު ފޮށިގަނޑަކަށް. މިހާރު ދަރިފުޅުގެ ހާލު ވަރަށް ސީރިއަސް. އިރުއިރުކޮޅާ އެ ކުއްޖާ ފިޓްޖެހޭ. ކޮންމެ ދުވަހަކު ޑޮކްޓަރުން އައިސް އެބަބުނޭ ދަރިފުޅު ބޭރަށް ގެންދާށޭ." ޒުވާން ބައްޕަ ވަރަށް އަސަރާ އެކު ބުންޏެވެ.
އޭނާ ބުނީ ތިން ހަފުތާގެ ތެރޭގައި ހޮސްޕިޓަލްގެ ބިލްތަކަށް 15،000ރ.ވަރު އަރާފައިވާ ކަމަށާއި ބިލަށް ފައިސާ ދެއްކޭނެ ގޮތް އޭނާގެ އަތުގައި ނެތް ކަމަށެވެ.
"އަހަރެމެން ބޭނުންވޭ މިހާރުން މިހާރަށް ވެސް ކޮންމެވެސް ބައެއްގެ ދީލަތި އެހީއާއެކު ކުއްޖާ އަށް ފަރުވާ ދިނުމަށް ބޭރަށް ގެންދަން. އެކަމަކު އެ ކުއްޖާ ބޭރަށް ގެންދެވޭނީ އައިޖީއެމް ހޮސްޕިޓަލަށް ދަންކަން ޖެހޭ ފައިސާ ވެސް ދެއްކިގެން. އަދި ބޭރަށް ދިއުމަށް ބޭނުންވާ ފައިސާ ވެސް ލިބިގެން،" އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
އައިޖިއެމްއެޗްގެ މީޑިއާ ކޯނިޑޭޓަރު ޒީނަތު އަލީ ހަބީބް މިއަދު ވިދާޅުވީ ތުއްތު ކުއްޖަކު ހޮސްޕިޓަލުން ނުނެރިވި ފައިސާ ނުދެއްކިގެން ބޭރަށް ފޮނުވަން ދަތިވެގެން އުޅޭކަމުގެ މަޢުލޫމާތު އަދި މިހާތަނަށް އެ ފަރާތަށް ހުށައަޅާފައި ނުވާ ކަމަށެވެ.
ނަމަވެސް ކުއްޖާގެ ބައްޕަ ބުނީ އެމީހުންގެ އެއް މަހުގެ ފިރިހެން ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް ޓަކައި ބޭރަށް ގެންދިއުމަށް ބޭނުންވާ އެހީލިބޭތޯ އައިޖީއެމް ހޮސްޕިޓަލަށް ވެސް ހުށައަޅާފައި ވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެތަނުން ވަކިޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
http://sun.mv/uploads/l_1170418.jpg
ފުޅިމަދު ފޮށިގަނޑަކަށް ތުއްތު ކުއްޖަކު ލައިގެން ކަނޑުދަތުރުކުރުމުން ކުއްޖާގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެންނެވުމުން ޑޮކްޓަރަކު ވިދާޅުވީ ފުޅިމަދު ފޮށިގަނޑަކީ އޭގެ ޒާތުގައި ހޫނު ހިފަހައްޓާނެ އެއްޗެއް ކަމަށާއި ނަމަވެސް އެފަދަ ފޮށިގަނޑުތަކަކީ އާންމުކޮށް ކޮންމެވެސް ޒާތެއްްގެ އެއްޗެއް ބަންދުކުރުމަށް ބޭނުން ކުރާނެ އެއްޗަކަށްވާތީ، އެ އޭގައި ހުރެދާނެ ޖަރާސީމެއް ނުވަތަ ކެމިކަލަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ.