ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ޖެހޭނީ ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށާއި ވަކި މީހެއްގެ ވެރިކަމުގައި ހުށަހެޅި ފޯމަކަށް އޭނާ މަޖިލީހުގައި އިންނަވަނިކޮށް ގެދޮރެއް ނުދެވޭނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފަތާއެއްގައި ވެސް ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވާ ކަންމަތީ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެންމެ ފުރަތަމަ ބޯހިޔާވަހިކަން ދޭން ޖެހޭނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް ކަމަށެވެ.

"އެއްވެސް ކެންޑިޑޭޓަކަށް ހައްގުވެގެން ނުވާނެ ވަކި ޕާޓީއަކުން އައީތީ ވަކި ޕާޓީއެއްގެ ރައީސަކަށްވީތީ ބޯހިޔާވަހިކަމަށް ހުޅުވިފައި ހުރި މަޝްރޫއުތަކާއި ގޯތި ގެދޮރަށް ހުރި ފުރުސަތުތަކަކީ ވަކި ޕާޓީއެއްގެ ވަކި ބަޔަކަށް ވަކި މީހެއްގެ ވެރިކަމުގައި ހުށަހެޅުނު ފޯމަކަށް ލިބޭ އެއްޗެއް ގޮތަށް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އިންދަކާ ނުހެދޭނެ. އެކަންކަން އަޅުގަނޑުމެން ވިޔަކަ ނުދޭނަން،" އަލްހާން ވިދާޅުވި އެވެ.

މާލެ ދަފްތަރުގައި ތިބި 7700 އެއްހާ މީހުންނަކީ ގެދޮރެއް ނެތް ރެފިއުޖީން ކަމަށް ސިފަކޮށް އަލްހާން ވިދާޅުވީ އެންމެ ފުރަތަމަ ބޯހިޔާވަހިކަމެއް ދޭން ޖެހޭނީ އެ މީހުނަށް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ރައްޔިތުން ކިތަންމެ ގިނަ ނަމަވެސް އެކަން އެންމެ ހައްގުވަނީ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ އުންމީދު ދީގެން މާލެ ސިޓީގެ ދަފްތަރުގައި ޖަހާފައި ތިބި 7700 ރައްޔިތުންގެ މައްސަލަ. އެ މީހުންނަކީ ހަގީގަތައް ބަލާއިރު ދުނިޔޭގެ މިނެކިރާ މިންގަނޑުތަކަށް ބަލާއިރު އެއީ ރެފިއުޖީން،" އަލްހާން ވިދާޅުވި އެވެ.

ދަފްތަރުގައި މީހުން ޖެއްސުމަކީ މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ވަރަށް 'ފީކަޅާ' ކަމެއް ކަން އަލްހާން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެ މީހުންގެ ނަމަށް ދަފްތަރުގެ ބަދަލުގައި ގެ އެއް ނުވަތަ އެޕާޓްމެންޓެއްގެ ނަން އަރާވަރު މިސަރުކާރުން ކޮށްދޭން ޖެހޭ ކަމަށެވެ.

ވަކި މީހެއްގެ ވަރިކަމުގައި ހުށަހެޅި ފޯމަށް ފްލެޓު ނުދެވޭނެ ކަމަށް އަލްހާން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ މަޝްރޫއަށް ފްލެޓަށް އެދި ކުރިމަތިލި 8765 މީހުނަށް މި ސަރުކާރުގައި ފްލެޓު ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.