15 Oct 2011, 14:19
ޕްރެމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް މެންޔުނައިޓެޑްގެ ކެޕްޓަން ނަމެންޖާ ވިޑިޗް ނުކުތުން އޮތީ އޭނާގެ އަތްމަތީގައި ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ. ފާގަސަން މިހެން ބުނެފައި މިވަނީ މިރޭގެ މެޗަށް ވިޑިޗް ނުކުތުން ގާތް ކަމަށް ރިފޯޓްތައް ބުނަމުން ދަނިކޮށެވެ.
އުމުރުން 29 އަހަރުގެ ޑިފެންޑަރު އޯގަސްޓް މަހު ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާ އާ ގުޅިގެން ހުރީ ކުޅުމާ ދުރުގައެވެ. ނަމަވެސް ސްލޮވީނިއާ އާއި ދެކޮޅަށް ސާބިއާ ގައުމީ ޓީމަށް އިއްޔެ ރޭ ކުޅެދިން ޔޫރޯ ކޮލިފައިން މެޗުގައި ވިޑިޗް ވަނީ 90 މިނެޓު ގެ ކުޅުން ފުރިހަމަ ކޮށްފައެވެ. ސްލޮވޭނިއާ އާއި ވާދަކޮށް 1-0 ލަނޑުން ސާބިއާ ބަލިވި މެޗުގައި ވިޑިޗް އަތުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތު ގެއްލިފައިވެ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސާބިއާ އަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ ވިޑިޗް އަތުންނެވެ.
"އެންމެ ބޮޑު ސުވާލަކީ ވިޑިޗް ހުރީ މެޗަށް ފިޓު ވެގެންތޯ. އަހަރެމެންނަށް އެނގޭ ސާބިއާ ގައުމީ ޓީމާއެކު ވިޑިޗް ކުޅުނު އެންމެ ފަހު މެޗުގައި ފުރިހަމަ ވަގުތު ހަމަ ކޮށްފައި ވާކަން ވެސް. ލިވަޕޫލް މެޗު ވެގެންދާނީ ވަރުގަދަ މެޗަކަށް. އެ މެޗުގައި ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް އެކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުން ފެންނަން ބޭނުންވާނެ. އެކުޅުން ދެއްކޭނެ ކަމަށް ވިޑިޗް އަށް ގަބޫލުކުރެވެންޏާ މިރޭގެ މެޗަށް ކުޅެން ނުކުންނަންވީ." ފާގަސަން ބުންޏެވެ.
ސާބިއާ ޔޫރޯ އަށް ކޮލިފައި ނުވުމާއެކު ގައުމީ ޓިމަށް ވިޑިޗް ކުޅެން ހުއްޓާލަން އުޅޭ ކަމުގެ ރިޕޯޓްތަކެއް ވެސް ފެތުރުފައި ވެއެވެ. ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީގެ ތިންވަނަ އަށް ދިޔަ ޓީމަކީ ސާބިއާ އެވެ. އެ ގްރޫޕުގެ އެއްވަނާގައި އޮވެ އަންނަ އަހަރު ބާއްވާ ޔޫރޯ މުބާރަތަށް ކޮލިފައިވެފައިވަނީ އިޓަލީ އެވެ.
ޕްރެމިއާ ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް މެންޔުނައިޓެޑް ނުކުންނަ މެޗަކީ ދެޓީމަށް ވެސް މުހިންމު ވެގެންދާނެ މެޗެކެވެ. މެންޗެސްޓާ ސިޓީއަށް އެއްވަނައިގެ ޖާގަ ނުދިނުމަށް މެންޔުނަޓެޑް އިން ލިވަޕޫލް ކޮޅަށް ގިނަ ގޯލުތަކެއް ޖަހަން ޖެހޭނެއެވެ. އަނެއްކޮޅުން ގަދަ ހަތަރަކަށް އެރަން ބޭނުންނަމަ މިމެޗަކީ ލިވަޕޫލް އަށް ވެސް މުހިންމު ވެގެންދާނެ މެޗެކެވެ.