21 Mar 2019, 20:02
އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
އިކޮނަމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށްދެވޭ ހުއްދައާ ގުޅޭ ހުރިހާ ކަމެއް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެމުން ގެންދާނީ އިކޮނަމިކް މިނިސްޓްރީގެ ދަށުން ކަމަށެވެ.
އެގޮތުން ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓްމްގައި ރެޖިސްޓްރީވުމުގެ އިތުރުން ކޯޓާ ހަމަޖައްސައިދިނުމާއި އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި ޑިޕްސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުމުގެ ހިދުމަތްތައް އިކޮނަމިކް މިނިސްޓް ރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ހިދުމަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރި ނަމަވެސް އެމަސައްކަތް ދެންވެސް ކުރިއަށް ދާނީ ހުރަވީ ބިލްޑިންގެ ތިން ވަނަ ފަންގިފިލާގައި އެ މިނިސްޓްރީއަށް ހާއްސޮށްފައިވާ ކައުންޓަރުންނެވެ.
ހިދުމަތްތައް ދިނުމަށް ޓޯކަން ނަންބަރު ދޫކުރަން ފަށާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 12:00 ގެ ނިޔަލަށެވެ. އަދި އޮންލައިން އެޕްލިކޭޝަން ކިއުބީން ނާއި މިނިސްޓްރީގެ ވެބްސައިޓުން ޓޯކަން ނަންބަރުގެ ތަފްސީލް ފެންނާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.
އިކޮނަމިކް މިނިސްޓްރީން ދެމުން ގެންދާ ބިދޭސީންނާ ގުޅޭ ހިދުމަތްތަކުގެ ތަފްސީލް އާއި ހިދުމަތް ދިނުމުގެ މިންގަނޑުތަކައް ގެންނަ ބަދަލުތައް އެކްސްޕެޓް އޮންލައިން ސިސްޓަމު އަދި އެމްޕްލޯއިމަންޓް ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަލަށް ވަޒީފާއަށް ގެންނަ ބިދޭސީންގެ އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާއިރު، ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކަމުގައިވާނަމަ 48 ގަޑިއިރުގެ ތެރޭގައި، އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރާގޮތަށް މިދިޔަ އާދިއްތަ ދުވަހު އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ.