15 Oct 2011, 14:16
ޕްރެމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ލިވަޕޫލް އަށް ކާމިޔާބު ހޯދައިދިނުމުގައި އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އިސް ދައުރެއް އަދާކުރާނެ ކަމަށް އެކުލަބުގެ ކޯޗު ކެނީ ޑަލްގިސް ގަބޫލު ކުރެ އެވެ.
މިދިޔަ ސީޒަނުގައި މި ދެޓީމު ވާދަކުރި މެޗުގައި ސުއަރޭޒް ދެއްކި މޮޅު ކުޅުން މިރޭގެ މެޗުންވެސް ފެނިގެން ދާނެ ކަމުގެ ޔަގީންކަން ޑަލްގިޝް އަށް އޮންނަކަމަށް އޭނާ ބުންޏެވެ. މިދިޔަ ސީޒަނުގައި މިދެޓީމު ބައްދަލު ކުރި ފޯރިގަދަ މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ލިވަޕޫލް އަށް ކާމިޔާބު ލިބިގެންނެވެ.
"ހަގީގަތުން އިދިކޮޅު ޓީމަށް އޮޅިގެން ދާނެ ކަމަކީ ސުއަރޭޒް ދެން ދައްކާނެ އުކުޅަކީ ކޮބައިކަން. ސުއަރޭޒްގެ ޖާދޫތައް މިރޭގެ މެޗުން ފެންނާނެ ކަމަށް އަހަރެން އުންމީދު ކުރަން. މިދިޔަ ސީޒަނުގައި މެންޔުނައިޓެޑް އަށް އޭނާ ދެއްކި ބިރުވެރިކަން މިރޭގެ މެޗުން ވެސް ސުއަރޭޒްގެ ފަރާތުން ފެނިގެންދާނެ. ކޮންމެ މެޗެއްގައި ވެސް ސުއަރޭޒް އަކީ ތަފާތު ކުޅުމެއް ދައްކާ ކުޅުންތެރިއެއް. އެހެންކަމުން މިރޭ ގެ މެޗުން ވެސް ސުއަރޭޒް ގެ ފަރާތުން ފެނިގެންދާނީ މުޅިން ތަފާތު ކުޅުމެއް." ޑަލްގިޝް ބުންޏެވެ.
ފަހަކަށް އައިސް ގިނަ މީޑިއާ ރިޕޯޓުތަކެއްގައި ސުއަރޭޒް އަކީ ޑައިވް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރާތީ އެކަމަށް އޭނާ ވަނީ ރައްދު ދީފައެވެ. "އަހަރެން ޑައިވްއެއް ނުކުރަން. ނަމަވެސް ފޯވާޑަކަށް ގިނަ ފައުލްތަކެއް އަމާޒުވަންޏާ އެއިން ސަލާމަތް ވާން މަސައްކަތް ތަކެއް ކުރަންޖެހޭނެ." ސުއަރޭޒް ބުންޏެވެ.
އަޔެކްސް އިން ސޮއިކުރި ސުއަރޭޒް އަކީ ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. ނިއުކާސަލް އިން ކެރޯލްގެ ސޮއި ހޯދިތާ މަދު ގަޑިއިރު ތަކެއް ތެރޭގައި ސުއަރޭޒްގެ ސޮއި ވެސް ލިވަޕޫލް އިން މިދިޔަ ސީޒަނުގެ މެދުތެރޭގައ ހޯދާފައިވެ އެވެ. ސުއަރޭޒް އާއި ލިވަޕޫލް އާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓް ހަމަވާނީ 2016 ވަނަ އަހަރު އެވެ.