21 Mar 2019, 14:41
އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާންކުރާ ގަވައިދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ގެޒެޓުކުރުމާ އެކު އެއަށް އަމަލު ކުރަން ފަށައިފި އެވެ.
އެ ގަވައިދަކީ އިންތިހާބުތަކާ ގުޅިގެން އުފައްދާ ކޮމްޕްލެއިޓްސް ބިއުރޯތަކަށް ހުށަހަޅާ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައަޅާ ގަވާއިދެކެވެ.
އެ ގަވައިދުގެ ދަށުން ހަތަރު ބާވަތެއްގެ ޝަކުވާއެއް ހުށަހެޅިދާނެ އެވެ. އެއީ:
އިންތިހާބުގައި ކެންޑިޑޭޓަކަށް ވުމުގެ ހައްގަށް އުނިކަމުގެ އައުމުން ހުށަހެޅޭ ޝަކުވާ
- އިންތިހާބެ މަރުހަލާތަކުގައި ވަކި ކަމެއް ކުރަން ޖެހޭ ގޮތަށް ނުކުރުމުން ނުވަތަ ކުރަން ޖެހޭ ވަގުތުގައި ނުކުރުމުން ހުށަހެޅޭ ޝަކުވާ
- އިންތިހާބުގެ މަރުހަލާތަކުގައި ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ހުށަހަޅާ ޝަކުވާ
- އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި، އިންތިހާބުތަކާ ބެހޭ އާންމު ގަވައިދާއި އެ އިންތިހާބަކަށް ހާއްސަ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކުރާ ކަންކަމާ ގުޅޭ ޝަކުވާތައް
އެ ގަވައިދުގައި ބުނެފައި ވަނީ ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ކަމަށެވެ. އަދި ޝަކުވާ ހުށަހެޅޭނީ އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި އިންތިހާބުގެ ކަންތައް ބަލަން ކަނޑައަޅާފައިވާ އިދާރާއަކަށް ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
އިންތިޚާބާ ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާއެއްހުށަހެޅުމުން، އެ ޝަކުވާއާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާ ފަރާތުންދޭ މަޢުލޫމާތު ރެކޯޑުކުރުމަށް ފަހު، ކޮމްޕްލެއިންޓްސް ބިއުރޯގައި އެ ޝަކުވާ ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް ޝަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ. އަދި ކޮންޕްލެއިންޓްސް ބިއުރޯއިން ބަަލަން ނިންމާ ޝަކުވާތަކާއި ނުބަލަން ނިންމާ ޝަކުވާތަކުގެ ދަފްތަރެއް ވެސް ބާއްވަން ވާނެ ކަމަށް އެ ގަވައިދުގައިވެ އެވެ.
އެ ގަވައިދުގައިވާ ގޮތުން ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާ މައްސަލަތަށް ނިމުނު ގޮތުގެ ރިޕޯޓެއް ހޯދަން އެ މައްސަލަ ހުށަހެޅި ފަރާތްތަކަށް އެދެވިދާނެ އެވެ.
ބިއުރޯގެ ތަހުގީގަކާ ގުޅިގެން މައްސަލަ ހުށަހަޅާ ފަރާތްތަކާއި ތުހުމަތު ކުރެވޭ ފަރާތްތަކާއި ހެކިން ވެސް ހާޒިރުކުރުމުގެ ބާރު ބިއުރޯއަށް ގަވައިދުން ދީފައިވެ އެވެ. ބިއުރޯއިން ބަލަމުންދާ މައްސަލައެއްގައި ހާޒިރުކުރަން ޖެހޭ ފަރާތަކުން ބިއުރޯއިން ބަލަމުންދާ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމުގެ ނުވަތަ ހެކި ފޮރުވައިފާނެކަމުގެ ނުވަތަ ހެކި ނެއްތައިލާނެކަމަށް ގަބޫލު ކުރެވޭ ހާލަތެއްގައި ނުވަތަ ބިއުރޯއަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭ ހާލަތެއްގައި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ވެސް ހާޒިރުކުރެވިދާނެ އެވެ.
އެ ގަވައިދު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާ އިރު އަންނަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން އެ ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.