ގައުމުގެ ކެޕޭސިޓީ އިތުރަށް ފުޅާކުރުމަށް މައުލޫމާތާއި ޓެކްނޮލޮޖީ އެއްކޮށް އިންވެސްޓްމެންޓް އަދި ވިޔަފާރި އިތުރު ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމުގައި ހާރިޖީ ވަޒީރު، އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާޖެންޓީނާގެ ބުއެނޯސް އައިރެސްގައި މިހާރު ކުރިއަށް ގެންދަމުންދާ ސައުތު-ސައުތު ކޯޕަރޭޝަންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "އެންމެ މަޑުން ކުރިއަރަމުން އަންނަ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ރާއްޖެ އުނިކޮށް، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ހިމެނުމުން ގައުމުގެ ކެޕޭސިޓީ އިތުރުކޮށް ފުޅާކުރުމަށް މައުލޫމާތާއި ޓެކްނޮލޮޖީ އެއްކޮށް އިންވެސްޓްމެންޓް އަދި ވިޔަފާރި އިތުރު ކުރެވޭނެ ގޮތްތަށް ހޯދަންޖެހޭ" ކަމަށެވެ.

އެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ 1978ގައި އޮތް ސައުތު-ސައުތުގެ ބައްދަލުވުމަށް ފަހު ކުރިއަރަމުން އަންނަ ގައުމުތަކަށް ވަރަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަރަމުން އަންނަ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަކީ ދުނިޔޭގެ އިގްތިސާދު ކުރި އެރުވުމަށް އޮތް އިންޖީނެއްކަމަށާއި ދުނިޔޭގެ ވިޔަފާރީގައި އުފެދެމުން އަންނަ އާ މާކެޓުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުޅުމެއް ކަމަށް ވިދާޅުވި އެވެ.

އދ. ގެ ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 20-22 މާޗް 2019ގެ ނިޔަލަށެވެ.