21 Mar 2019, 12:55
ހދ. ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ.
އެ މާރުކޭޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެތަން ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާނު އަބުދުﷲ އެވެ.
އެ މާރުކޭޓްއާ ބެހޭގޮތުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެ މާރުކޭޓްގެ އެކި ގަވައިދުތައް އެކުވަލަވާލައި ނިމިފައިވާ ކަަމަށާއި އަދި އެ ގަވައިދުތައް ގެޒެޓް ކުރެވުނުހާ އަވަހަކަށް މާރުކޭޓްގެ ގޮޅިތައް ދޫކުރަން ފަށާނެ ކަމަށެވެ.
" އަންނަ ހަފްތާގައި ގޮޅިތައް ދޫކުރެވޭ ވަރުވާނެހެން ހީވަނީ." އަބްދުއްލަތީފް ވިދާޅުވިއެވެ.
އެ ތަނުގައި 32 ގޮޅި ހުންނައިރު، ދެ ގޮޅި ހާއްސަކޮށްފައިވަނީ ވަޅޯ މަސް ވިއްކުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ ކުރިން އެރަށުގައި ހިންގި "ހޮނިހިރު ބާޒާރު" ރަނގަޅު ފެންވަރެއްގައި ހިންގުމުގެ ގޮތުން ސަރުކާރުން އަޅައިދެއްވި މާރުކޭޓެއް ކަަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.
އެ މާރުކޭޓް އިމާރާތް ކުރަން ފަށައިފައިވަނީ 2016 ވަނަ އަހަރުއެވެ. އެ ތަން އިމާރާތް ކުރުމަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.