15 Oct 2011, 14:09
މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗަށް އެންމެ ފަހުގެ ޗެންޕިއަން ވީބީ އާއި ވިކްޓަރީ މިރޭ ނުކުންނާނެ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ޖަހާއިރު ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ވީބީގެ ކޯޗް ވަންލީ ބުނީ، ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު ޓީމްގެ އުއްމީދުތައް ގުޅިފައި ވަނީ މިރޭގެ މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގައެއް ކަށަވަރު ކުރުން ކަމަށެވެ.
"މިރޭގެ މެޗަކީ ވަރަށް މުހިންމު މެޗެއް. އިދިކޮޅު ވިކްޓަރީއާ ދެކޮޅަށް ނުކުންނަ ވީބީގެ ސްކޮޑަކީ މިވަގުތު ޓީމުން ނެގެން އޮތް އެންމެ ވަރުގަދަ ސްކޮޑް. ވިކްޓަރީ އަކީ ވެސް ވަކި ބަލި ޓީމެއް ނޫން. ޓީމް އޮތީ ވަރަށް ފިޓްކޮށް" ވަންލީ ބުންޏެވެ.
ވީބީގެ އުއްމީދުތައް ފުޑުފުޑު ކޮށްލުމަށް މިރޭ އިދިކޮޅަށް ނުކުންނަ ވިކްޓަރީ އަކީ ޕްރެސިޑެންޓް ކަޕްގެ ތާރީޙުގައި އެންމެ ކާމީޔާބު އެއްޓީމެވެ. އެގޮތުން ވިކްޓަރީ އަކީ ޕްރެސިޑެންޓް ކަޕް ދެ ފަހަރު މަތިން މިލްކުކޮށް 60 އަހަރުވީ ތާރީހުގައި 20 ފަހަރު ޕްރެސިޑެންޓް ކަޕްގެ ތަށި އުފުލާލައިފައިވާ ޓީމެކެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ވިކްޓަރީގެ މެނޭޖަރު އަހުމަފު އަޔާޒު (އަޔާ) ބުނީ، ވީބީއާ ކުރިމަތިލާ އިރު ޓީމް އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރު ވެގެން މިރޭގެ މެޗް ކާމިޔާބު ކުރަން ކަމަށާއި އުންމީދަކީ މިރޭގެ މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގަ ކަށަވަރު ކުރުން ކަމަށެވެ.
"ޓީމް އޮތީ ވަރަށް ފިޓްކޮށް. ވިކްޓަރީއަކީ ވީބީ އަތުން މޮޅުވެވޭނެ ޓީމެއް. މި މުބާރާތަކީ ވިކްޓަރީ ސްޕޯޓަރުންގެ އުއްމީދުތައް އެންމެ ގުޅިފައި އޮށްނަ އެއްމުބާރާތް. މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު،"އަޔާ ބުންޏެވެ.
މުބާރަތުގެ ދެ ވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާ ދެ ޓީމަކީ ނިއުއާއި މާޒިޔާ އެވެ.