ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ކެމްޕޭންއެއް ފަށައިފިއެވެ.

އެ ކެމްޕޭން ޖޫން މަހުގެ 21 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުންޏެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެއް ކަމަށްވާ ސަވައިކަލް ކެންސަަރުން ރައްކާތެރިވުމަށް އެޗްޕީވީ ވެކްސިން ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެެކެވެ.

އެ ވެކްސިން ޖަހަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ތާޖުއްދީން ސްކޫލުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވައިފައެވެ.

އެޗްޕީވީ ވެކްސިން ޖެހި ތާޖުއްދީން ސްކޫލުގެ ފުރަތަމަ ތިން ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުންވެސް ދީފައެވެ.

އެޗްޕީވީ ވެކްސިން ޖެހުމަށް ފެށި ކެމްޕޭން އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެޗްޕީއޭއިން ބުނީ އެ ވެކްސިން ދޭނީ އުމުރުން 10 އަހަރާ 14 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ކަމަށާއި އަދި ފަހުން ގައުމީ ވެކްސިން ތާވަލްގައި އެ ވެކްސިން ހިމަނާނެ ކަަމަށެވެ.

އެޗްޕީއޭއިން ބުނީ އެ ވެކްސިން ކެމްޕެއިންގައި ޖަހާނީ " ސަވަރިކްސް" ބްރޭންޑްގެ އެޗްޕީވީ ވެކްސިން ކަމަށާއި އަދި އެ ވެކްސިންގެ ސަބަބުން ކެންސަރު ޖައްސާ އެޗްޕީވީ މައިގަނޑޔ ދެ ވައްތަރުކަމަށްވާ 16 އަދި 18 އިން ރައްކާތެރިކަން ލިބިގެން ދާނެ ކަމަށެވެ.

ހިއުމަން ޕެޕިލޯމާނ ވައިރަސް (އެޗްޕީވީ) އަކީ ތަފާތު ބާވަތްތަކުގެ ކެންސަރު ޖައްސާ ވައިރަސްއެއް ކަމަށެވެ. އޭގެ ތެރޭގައި އަނގައިގެ ކެންސަރާއި، ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުތައް ހިމެނެއެވެ. އޭގެ ތެރެއިން ދުނިޔޭގެ ނިސްބަތުން ބަލާއިރު އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ ރަހިމުގެ ދޮރަށް ޖެހޭ (ސަވައިކަލް) ކެންސަރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.