މައްޔިތުން ނުވަތަ އިންސާނުންގެ ހަށިގަނޑުން ބައެއް ރާއްޖެ އެތެރެކުރުމާއި ބޭރުކުރުމަށް ހާއްސަ އުސޫލެއް އެކުލަވާ ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައިފައިވާ "ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އާންމު ގަވައިދު" ގައި ބުނެފައިވަނީ މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރެވޭނީ ނުވަތަ ރާއްޖެއަށް އިމްޕޯޓްކުރެވޭނީ "އޮތޮރައިޒޭޝަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.

އެ ހުއްދަ ލިބުނުކަންް ކަށަވަރުނުކޮށް އުޅަނދުގައި އެފަދަ އެއްޗެއް އުފުލައިފިނަމަ އުޅަނދުގެ ކެޕްޓަން ނުވަތަ މާލިމީ ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ކަނޑައަޅާފައިވެއެވެ. ޖޫރިމަނާ ކުރާނީ 4000 ރުފިޔާ އަށްވުރ ބޮޑު ނޫން އަދަދަކުންނެވެ.

މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމާއި ރާއްޖެއަށް އިމްޕޯޓްކުރުމުގެ މަސައްކަތް ކުރަންވާނީ، އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ އެޖެންޓެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށް ކަމަށާއި، ނަމަވެސް، ލެބޯޓްރީ
ސާމްޕަލްގެގޮތުގައި ތަޙުލީލުކުރުމަށް ފޮނުވާ އިންސާނުންގެ ޓިޝޫ އާއި، ދިޔާތަކެއްޗާއި ކަށިފަދަ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް އެޖެންސީގެ ހުއްދަ ހޯދާކަށެއް ނުޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ.

ރާއްޖެއަށް މައްޔިތުން ގެނައުމުގެ ހުއްދަ ދޫކުރާނީ އެމީހަކު މަރުވި ސަބަބު ބަޔާންކުރާ ފޯމާއި، ޕާސްޕޯޓު ނުވަތަ ދަތުރު ކުރުމުގެ ކޮޕީ، މައްޔިތާ ނުވަތަ ހަށިގަނޑުގެ ބައި ގެންނަ ގައުމެއްގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި ހަށިގަނޑުގެ ބައި ނުވަތަ މައްޔިތާ ބަންދުކޮށްފައިވަނީ ރައްކާތެރިގޮތުގައިކަން އަންގައިދޭ ލިޔުމެއްވެސް ހުށަހަޅަން ޖެހެއެވެ.

އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭ މައްޔިތުންނާއި، ހަށިގަނޑުގެ ބައިތަކުގައި ބައިނަލްއަގުވާމީގޮތުން ބަލަންޖެހޭ ފަދަ ގައިންގަޔަށް އަރާ ބައްޔެއް ހުރިތޯ ނުވަތަ ހެލްތު މިނިސްޓްރީގެ ކަމާބެހޭ ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މާހިރެއް ނުވަތަ ސިއްހީ އިދާރާއަކުން ކަށަވަރުކޮށް، އެކަމާބެހޭ ފުރިހަމަ
ލިޔުން، "އޮތޮރައިޒޭޝަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދައަށް އެދުމުގެ ކުރިން އެޖެންސީއަށް ނުވަތަ އެ ސަރަހައްދެއްގެ އިންޓަރނޭޝަނަލް ބޯޑާ ހެލްތަށް ހުށަހަޅަންވާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.