21 Mar 2019, 11:17
ވެލިންޓަން (މާޗް 21): ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އެގައުމުން މިލިޓަރީ ސްޓައިލް ސެމީ އޮޓޮމެޓިކް ބަޑި ގެންގުޅުމާއި ވިއްކުން މަނާ ކުރާނެ ކަމަށް ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވެއްޖެ އެވެ.
އާޑާން ވިދާޅުވި ގޮތުގައި އެފަދަ ހަތިޔާރު މަނާ ކުރަން އަންނަ މަހު ޕާލިމެންޓަށް ބިލެއް ހުށަހަޅާނެ އެވެ. އަދި އަންނަ މަހުގެ 11ގައި އެބިލު ފާސްކޮށް، ގާނޫނަކަށް ހެދޭނެ ކަމަށް ލަފާ ކުރެވެ އެވެ.
"ނިއު ޒިލެންޑުން ހުރިހާ މިލިޓަރީ ސްޓައިލް ސެމީ އޮޓޮމެޓިކް ހަތިޔާރު މަނާ ކުރާނެ... ހުކުރު ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ބޭނުން ކުރި ބާވަތުގެ ހުރިހާ ސެމީ އޮޓޮމެޓިކް ހަތިޔާރު މިގައުމުން މަނާ ކުރާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު އާޑާން ވިދާޅުވި އެވެ.
ނިއު ޒިލެންޑުން ވަނީ އެގައުމުން މަނާ ކުރާ ހަތިޔާރު މިހާރު ގެންގުޅޭ ފަރާތްތަކުން އެހަތިޔާރު ފުލުހުންނާ ހަވާލު ކުރުމަށް އެދިފަ އެވެ. އަދި އެހަތިޔާރު ސަރުކާރުން ގަތުމަށް ސްކީމެއް ތައާރަފު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ހަތިޔާރު މަނާ ކުރާ ގާނޫނު ފާސް ކުރާ ފަހުން އެފަދަ ހަތިޔާރު ގެންގުޅޭ ފަރާތްތައް 2،767 ޑޮލަރުން ޖޫރިމަނާކޮށް، ތިން އަހަރަށް ޖަލަށް ލާން ހުކުމް ކުރެވޭނެ އެވެ.
މިދިޔަ ހުކުރު ދުވަހު ކްރައިސްޓްޗާޗްގެ ނޫރު މިސްކިތަށާއި ލިންވުޑް އިސްލާމިކް ސެންޓަރަށް ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. ނިއު ޒިލެންޑުގެ ފުލުހުން ވަނީ އެހާދިސާގައި މަރުވި މީހުންނަކީ ކޮން ބަޔެއްކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށާއި އެމީހުންގެ އާއިލާތަކަށް މިހާރު އަންގާފައިވާ ކަމަށް ބުނެފަ އެވެ.
އެހަމަލާ ދިން ބްރެންޓަން ޓެރަންޓު ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށްފަ އެވެ. އަދި އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ފަހެއްގަ އެވެ.