15 Oct 2011, 13:32
ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބުރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން އިބްރާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދެފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން އެގޮތަށް އެދިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެ ކޯޓުން އެ އޮފީހަށް ފޮނުވާފައިވާ ސިޓީއެއްގައި ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުގެ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި އެ އޮފީހުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އިބްރާ ވަނީ ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފަ އެވެ.
ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ، އިބްރާ ފުރަތަމަ ވާހަކަ ދެއްކެވީ، ވެރިކަން ކުރާ އެމްޑީޕީން މިދިޔަ މަހުގެ ކުރީކޮޅު ތުލުސްދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެ ޖަލްސާގައި އިބްރާ ވިދާޅުވީ “ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް" ކަމަށާއި "އެ ބޭފުޅުން މައިތިރިކުރެވޭނީ ރައްޔިތުން ނުކުމެގެން،" ކަމަށެވެ.
ދެ ވަނަ ފަހަރަށް އިބްރާ ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ އެމްޑީޕީ ހަރުގޭގައި މިދިޔަ މަހު ފަހުކޮޅު އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ފަހަރު އޭނާ ވިދާޅުވީ “ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް މީހަކު ބޭނުންހާ ގޮތަކަށް މިގައުމު ނަގާ އޮޅާލެވެން ނެތް" ކަމަށާއި "ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ސުޕްރީމް ކޯޓުން އުޅޭ ނަމަ ރައްޔިތުން އެ ކޯޓާ ދެކޮޅަށް ނުންނާނެ،" ކަމަށެވެ.
އިބްރާ މިއަދު ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި އަދި ގާނޫނާ ހިލާފު ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
އެހެންކަމާ އެކު ޕީޖީ އަށް އޭނާއާ ދެކޮޅަށް "އެޅޭނެ ފިޔަވަޅެއް ނޯންނާނެ" ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ