21 Mar 2019, 11:31
ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހަރަކާތްތަކުން އާންމު ރައްޔިތުން ރައްކާތެރި ކުރުމަށް އެމީހުންގެ ފައިގައި ފުރަތަމަ ޓެގު އެޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އުމަރަކީ ކުށްކުރުން ހުއްޓުވުމަށާއި ގޭންގުތަކާ ދެކޮޅަށް ވަރަށް ވަރުގަދައަށް ވާހަކަ ދައްކަވައި އެފަދަ މައްސަލަތަކަށް ހައްލު ލިބޭނެ ގޮތްތައް އަބަދު ވެސް ވިދާޅުވެ ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި އަބަދު ވެސް އެއްގޮތެއްގައި ހުންނަވާ އުމަރު، އެތައް ކުށްވެރިންގެ ފައިގައި ޓެގު އެޅުވި އިރު އުމަރު ވިދާޅުވާ ގޮތުގައި އުމަރަކީ ވެސް އެތައް "ޓެގެއް" އެޅުވިފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އުމަރަށް ނިސްބަތްކޮށް މުހާތަބު ކުރާ ނަންތަކަކީ ސިޔާސީގޮތުން އުމަރު "ޓެގު" ވެފައިވާ ނަންތަކެވެ.
ސަން އޮންލަންގެ "50 މިނެޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ އޭނާ އަށް ސިޔާސީ ވާދަވެރިން މުުހާތަބު ކުރާ ނަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. "ހަރުގަނޑު އުމަރު،" "ހައްލަކީ އުމަރު" ފަދަ ނަންތައް އައީ ކިހިނެއްކަން އުމަރު ވަނީ ވިދާޅުވެދެއްވައިފަ އެވެ.
"ހަރުގަނޑުގެ ޓެގަކީ އެމްޑީޕީ ބޭފުޅުން އަޅުވާ ޓެގެއް. އެއީ ތެދެއް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެ ވެރިކަން ވައްޓާލަން އަޅުގަނޑު ދެއްކި ވާހަކަތަކުގެ ތެރެއިން ވަހަކައެއް ހަރުގަނޑުގެ ވާހަކައަކީ،" އުމަރު ވިދާޅުވީ އެ ވާހަކައަކީ އެމްޑީޕީގެ ވެރިކަން ވެއްޓެން ދިމާވި ސަބަބެއް ކަމަށާއި އެމްޑީޕީގެ މެންބަރުން އުމަރާ ދިމާކޮށް "ހަރުގަނޑު" ކިޔަނީ އެ ސަބަބާ ހުރެ ކަމަށެވެ. ނަމަވެސް އެކަމާ އެއްގޮތަކަށް ވެސް ކަންބޮޑު ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒަށް ވަނުމަށް އުމަރު ގޮވާލެއްވި އެވެ. އެކަމާ ގުޅިގެން އުމަރަށް "ހަރުގަނޑު އުމަރު"ގެ ނަމުން މުހާތަބު ކުރަން ފެށުނެވެ. "އެކަހަލަ ބައިވަރު ޓެގު ހުންނާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ސިޔާސީ ދާއިރާ އަށް ނިކުމެ ވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ. އެފަހަރު ވަރުގަދަ ހައްލުތަކަކާ އެކު އުމަރު ވިދާޅުވީ "ހައްލަކީ އުމަރު" ކަމަށެވެ. ކަމެއްގެ ހައްލު ހޯދަން ރައްޓެއްސަކާ ވާހަކަ ދެއްކިޔަސް އަދި ވެސް ސަމާސާ އަކަށް ހަދާފައި ބުނަނީ "ހައްލަކީ އުމަރު" ކަމަށެވެ.
"ހައްލަކީ އުމަރު، އެއީ 2008ގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ބޭނުންކުރި ސްލޯގަން އެއް. މިއަދު ވެސް ވަރަށް ގިނަމީހުން ބުނޭ އޭރު އަޅުގަނޑު ހުށަހެޅި ގިނަ ކަންތައްތަކުގެ ހައްލަކީ އުމަރު ކަމަށް،" އުމަރު ވިދާޅުވި އެވެ.
ސިޔާސީގޮތުން ބަދަލެއްް ނެތި އެއް ފިކުރެއްގައި ހުންނަވާ އުމަރާ ދެކޮޅަށް ސިޔާސީ ގޮތުން ގިނަ ވާހަކަތަކެއް ދައްކަ އެވެ. އުމަރު ވިދާޅުވަނީ ސިޔާސީ މީހަކަށް ވަނީ ދުޝްމަނުން ތިބޭ ނަމަ ކަމަށެވެ.
"ވިންސްޓަލް ޗާޗިލް ވިދާޅުވެފައިވާނެ ސިޔާސީ މީހެއްގެ ދުޝްމަނުން ނެތް ކަމަށް ވަންޏާ އޭނާ އަކީ ސިޔާސީ މީހަކަށް ނުވާނެޔޭ، އަޅުގަނޑުގެ ބައިވަރު ދުޝްމަނުން ވެސް ތިބޭނެ، ދެކޮޅު މީހުން ވެސް ތިބޭނެ. އެކަހަލަ މީހުން ބައިވަރު ޓެގު އަޅުވާނެ." އުމަރު ވިދާޅުވި އެވެ.