ހަމްބަންޓޮޓާގައި ކުރިއަށް ދިޔަ ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ވޮލީބޯޅަ އިވެންޓްގެ ތިން ވަނަ ހޮވި މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.

އިންޑިޔާގެ ފުރަތަމަ ޕެއާ ދެކޮޅަށް އަޝްފާގް އާދަމް (އައްކަޅޭ)އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ ސީދާ ދެސެޓުންނެވެ. މިމެޗްގެ ސެޓްތައް އިންޑިޔާ އިން ގެންގޮސްފައި ވަނީ 21-11 ޕޮއިންޓް އަދި 21-18 ޕޮއިންޓުންނެވެ.

މިމެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ޓީމުގެ މެނޭޖާ އިލްޔާސް އަހުމަދު ބުނެފައި ވަނީ ސެމީ ފައިނަލުގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗްގައި ފެނުނީ އެންމެ އެދެވޭ ކުޅުން ނޫން ކަމަށެވެ. އަދި ލަންކާ އާއި އިންޑިޔާގެ ކުޅުންތެރިންގެ ފެންވަރު ރާއްޖެއަށް ވުރެ ތަފާތުކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ސެމީގައި ފެނުނީ އެންމެ ރަނގަޅު ކުޅުމެއް ނޫން. އެހެންނަމަވެސް ފާހަގަކުރަން ޖެހޭ އިދިކޮޅަށް ނިކުތް ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ތަފާތު މޮޅު ކުޅުންތެރިން." އިލްޔާސް ބުންޏެވެ.