20 Mar 2019, 17:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގއ ދެއްވަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ދެއްވަދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރަށުގެ މިހާރުގެ ހާލަތާއި ދެއްވަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސް އާ ހިއްސާ ކުރައްވައިފައެވެ.
މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ދެއްވަދޫގެ ނަރުދަމާގެ މަސައްކަތް ނިންމުމަށް ކަމަށާއި ރުދަމާ ޤާއިމުކުރާއިރު ޓްރީޓްމަންޓް ޕްލާންޓެއްވެސް ބޭނުންވާ ކަމަށް ކައުންސިލުން ރައީސް އަރިހު ދެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ކަރަންޓުގެ ދަތިކަމާއި، ބަނދަރު ތޮށި މަރާމާތުކުރުމުގެ އިތުރުން ދެއްވަދޫއިން ގޯތި ދޫކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސް އަރިހު ދަންނަވައިފައެވެ.
ދެއްވަދޫގައި ބޭންކިންގެ ހިދުމަތް ތައާރަފުކޮށްދިނުމަށާއި، ރަށަށް ފުލުހުންގެ ހިދުމަތް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ. އަދި ފެރީ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ރައީސް އަރިހު ދެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދެއްވަދޫ ކައުންސިލުން އެދިފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.