15 Oct 2011, 12:49
ދެހާސް ތޭރަ ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސް ބާއްވާ ރާއްޖެއާ ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލްގެ ދިދަ ހަވާލުކޮށްފި އެވެ.
ސައުތު އޭޝިއަން ބީޗް ގޭމްސްގެ ފުރަތަމަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަންބަންޓޮޓާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޮލިމްކިޕް ކޮމިޓީގެ ރައީސް އިބްރާހިމް އިސްމާއިލްއާ ދިދަ ހަވާލުކޮށްދެއްވީ ސްރީ ލަންކާގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ މެކްސީ ޕެރޭރާ އެވެ.
ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާ ދިދަ ހަވާލުކުރެއްވުމާ އެކު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވަނީ އެ ދިދަ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ސަރުކާރުގެ ފަރާތުން ދިދައާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޒް ޙަސަން ލަތީފު އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ސައުތު އޭޝިއަން ބީޗް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައި ވަނީ ހަންބަންޓޮޓާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ހަވާސާގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ.