ވިހެމުންދޭ މޭޓާނީޓީ ލީވް އެމްއެމްޕީއާރުސީގެ މުވައްޒިފުންނަށް ވެސް ދީފި އެވެ.

ވެހުމުން ދޭ މޭޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ މަހު އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ވިހެއުމުން ކުއްޖާގެ މަންމަ އަށް ދޭ ޗުއްޓީ ހަ މަހަށް އަދި ބައްޕަ އަށް އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ. އަދި ސަރުކާރުގެ އެހެން ކުންފުނިތަކުގެ މުވައްޒިފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ އިތުރުކުރުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

މިއަދު އެމްއެމްޕީއާރުސީން ނެރުނު އިއުލާނުގައި ބުނީ، ރައީސް ސޯލިހްގެ އެ ނިންމުމާ އެއްގޮތަށް އެ ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރާ އަންހެނުން މުވައްޒިފުންނަށް ހަ މަސް ދުވަސް އަދި ފިރިހެން މުވަށްޒިފުންނަށް އެއް މަސް ދުވަހުގެ މެޓާނިޓީ ލީވް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ބާޔާނުގައި ބުނީ، މުސާރައާ އެކު މޭޓާނިޓީ ލީވް ދިނުމަށް ފާސްކޮށްފައި ވަނީ އެ ކޯޕަރޭޝަނުންގެ ބޯޑުން ކަމަށެވެ.

ރައީސް ސޯލިހްގެ އެ ނިންމުމާ އެކު ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ އެ ނިންމުމާ އެއްގޮތަށް މެޓާނިޓީ ލީވް އިތުރުކޮށްފަ އެވެ. މީގެ ކުރިން މެޓާނިޓީ ލީވް ދެމުން އައީ މަންމަ އަށް ތިން މަސް ދުވަސް އަދި ބައްޕަ ތިން ދުވަހަށެވެ.