ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދެނެގަނެވިފައިވާ ކަމަށް ނެޝެނަލް ޕޭ ކޮމިޝަންއިން ބުނެފިއެވެ.

ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނެޝެނަލް ޕޭ ކޮމިޝަންއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް މިހާާރު ދެނެގަނެފައިވާ ކަމަށެވެ. އަދި ބުނީ އެ ބަދަލުތައް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއެކު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އެ ބަދަލުތަކާއެކު ދައުލަތުގެ މުސާރައިގެ ސިޔާސަތުތަކުގެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރެވިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ

މުސާރާއިގެ ސިޔާސަތުތަކުގެ ގާނޫނުގައި ބުނެފައިވާ ކަންތައްތައް ހާސިލްކުރުމަށްޓަކައި ގިނަ ކަންތައްކަތެއް ކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ ޕްރޮފެޝަނަލް ޖޮބްތައް ހިމެނޭގޮތަށް "މޯސްޑިވްސް ޕަބްލިކް ސާވިސް ސްޓޭންޑާޑް ކްލެސިފޭކަޝަން އޮފް އޮކިއުޕޭޝަން" ގެ މެނުއަލެއް އެކުލަވާލައި ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާ އިނާޔަތްތައް ހަމަޖެހިފައިވާ ގޮތްތަކާއި އެ ތަންތަނުގެ މެދުގައި ހުރި ތަފާތު އިނާޔަތްޔަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކުރުން ހިމެނެއެވެ.