އެމްޑީޕީގެ ޓިކެޓުގައި ބ. ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލާ، ހިސާން ހުސެއިންގެ އަބުރު ނަގާލަން ބަޔަކު ރާވައިގެން މަސައްކަތް ކުރާ ކަމަށް އޭނާގެ ކެމްޕޭން އޮފީހުން ބުނެފި އެވެ،

ހިސާން ކިޔަވާ ކުދިންތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ރައީސް އޮފީހަށް އާންމުންގެ މީހަކު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ހިސާން އެ ކުދިންނަށް ކުރި ކަމަށް ބުނާ އަނިޔާގެ ތަފްސީލު ލިޔެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ހިސާންއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް އޮފީހަށް ފޮނުވި ސިޓީގައި ހުރި ވާހަކަތައް ދޮގުކޮށް ހިސާންގެ ކެމްޕޭން އޮފީހުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހިސާންއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހެޅިފައި ވެސް ނުވާނެ ކަމަށާއި، އޭނާ އަކީ މީހުންނަށް އަނިޔާ ކުރި އަދި ކުރާނެވެސް މީހެއް ނޫން ކަމަށެވެ. އަދި އެ ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވަނީ ދޮގު މައުލޫމާތު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ހިސާނަކީ އެއްވެސް ބަޔަކާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ އަދި ދުވަހަކުވެސް ހިންގާނެ ފަރާތެއް ނޫނެވެ. އަދި ފާއިތުވި އަހަރުތަކުގައި އެންމެހާ ރައްޔިތުންނަށްވެސް ފެނިފައިވާ ފަދައިން އޭނާ އަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ، މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ މީހެކެވެ." އެ ބާޔާނުގައިވެ އެވެ.

އެ ބަޔާނުގައި ތުހުމަތު ކޮށްފައި ވަނީ ރައީސް އޮފީހަށް ސިޓީ ފޮނުވީ ހިސާންގެ އަބުރު ނަގާލަން ކަމަށާއި، އެކަން ކުރީ ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްއާރްއެމްގެ ކެންޑިޑޭޭޓު އިބްރާހިމް އަފީފް އަޑީގައި ހުންނަވައިގެން ކަމަށެވެ. އަދި އެ ސިޓީ ފޮނުވީ އަފީފްއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށް އެ ބަޔާނުގައި ތުހުމަތު ކުރި އެވެ.

އެކަމާ ގުޅޭ "ސަން"އާ ވާހަކަ ދައްކަވަމުން އަފީފް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެ ސިޓީގައިވާ ކަމަށް ބުނާ ވާހަކަތަކަކީ މީގެ ކުރިންވެސް އެނާ އަޑު އެއްސެވި ވާހަކަތަކެއް ކަމަށެވެ.

އަދ އެފަދަ ތުހުމަތުތަކެއް އުޅޭ އިރު އެއީ ހިނގާފައިވާ ކަމެއް ނޫންކަން ހިސާން ސާބިތުކޮށްދޭން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

ހިސާންގެ ކެމްޕޭން އޮފީހުން ވަނީ އެ ސިޓީއިން ރައީސް އޮފީހަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން އެދިފަ އެވެ.

ހިސާންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިސާންގެ އަބުރު ނަގާލުމަށް ބަޔަކު މީހުން ރާވައިގެން މަސައްކަތް ކުރާ ކަމަށެވެ. އަދި އެެމަނިކުފާނުގެ ފުރިހަމަ އިތުބާރު ހިސާންއަށް އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.