ސަލްޓަން ޕާކްގައި 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިންގި ބޮން ގޮއްވުމުގެ ހާދީސާއާ ގުޅުން ހުރި މީހަކު ސްރީލަންކާގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތައް ބުނާ ގޮތުގައި ވަގު ޕާސްޕޯޓެއްގައި ލަންކާ އަށް އެތެރެވާން އުޅެނިކޮށް ހައްޔަރު ކުރި މުހައްމަދު އަމީންގެ ބަންދުގެ މުއްދަތު ލަންކާގެ ކޯޓަކުން ވަނީ ދެ ހަފްތާ އަށް އިތުރުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުގައި ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާނުގެ ޕާސްޕޯޓެއް އޮތެވެ.

ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި އަމީން ހުރިކަން ދިވެހި ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އަމީން ހައްޔަރުކޮށްފައި ވަނީ ވަގު ޕާސްޕޯޓެއްގައި ލަންކާ އަށް އެތެރެވާން އުޅެނިކޮށް ކަމަށެވެ.

ބޮން ގޮއްވި ހާދިސާއާ ގުޅިގެން ފުލުހުން ހޯދަމުންދާ މުހައްމަދު އަމީނަކީ އެ ހާދިސާ ހިނގުމުގެ ކުރިން ރާއްޖެ އިން ފިލާފައިވާ މީހެކެވެ. އެ ހާދިސާއާ ގުޅިގެން އޭނާ އާއި އިތުރު މީހުން ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.