08 Jun 2010, 10:12
14:30
ސ.ހިތަދޫގައި ގުދަނެއްގެ ތެރޭ އެކަނި ހުރި އުމުރުން 11 އަހަރުގެ ކުއްޖެއްގެ ގައިގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު އެ ހާދިސާ ހިނގާފައި ވަނީ ހިތަދޫ، ޒިއޯންގޭ، އުމުރުން 11 އަހަރުގެ އަހްމަދު އިބްރާހީމް އެކަނިމާއެކަނި އެ ގޭގައި ހުރި ގުދަނެއްގެ ތެރޭ ދަވާދު ދަޅެއް ހިފައިގެން އުޅެނިކޮށް ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ގުދަން ތެރޭ އެކުއްޖާ ގެންގުޅުނު ދަވާދު ދަޅު ކައިރީ އަލިފާން ގެންގުޅެނިކޮށް ދަވާދު ދަޅުގައި ހުޅު ރޯވެ ފަޅައިގެން ގޮސްގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގިކަން އެގޭ މީހުންނަށް އެނގުނީ ގުދަން ތެރޭން އަޑެއް އިވިގެން ގުދަނަށް ވަތްއިރު އެ ކުއްޖާ ވެއްޓިފައި އޮތްތަން ފެނިގެން ކަމަށެވެ.
އާދައިގެ ގޮތަކަށް އެގޭގައި ހަދާފައި ހުރި ގުދަނަށް އެ ހާދިސާގައި އެއްވެސް ގެއްލުމެއް ވެފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެކުއްޖާ އަށް ފަރުވާ ދެމުން އަންނަ އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ އަށް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެކުއްޖާގެ މޫނާއި ބުރަކަށީގެ އިތުރުން ބަނޑާއި އަތް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވި އެވެ.