15 Oct 2011, 11:32
ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ އަތްދަށުގައި އަހަރުތަކެއް ވަންދެން އޮތުމަށް ފަހު އެ ގައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާ ޖަފުނާ އަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމް ކަލޭފާނު ކުރެއްވި ޒިޔާރަތަކާ ގުޅިގެން ލަންކާގެ ތަމަޅަ ނޫހަކުން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ލަންކާ ތަމަޅަ ނޫހެއް ކަމަށްވާ ޓެމިލްނެޓް ޑޮޓްކޮމްގައި ލިޔެފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމް ޖަފްނާ އަށް ކުރެއްވި ޒިޔާރަތް ވައްތަރީ މަދަނީ ސަރުކާރަކުން ކުރި ދަތުރަކަށް ވުރެ އަސްކަރީ ސަރުކާރަކުން އަސްކަރީ ސަރުކާރަކަށް ކުރި ޒިޔާރަތަކާ އެވެ. އަދި އެ މަނިކުފާނުގެ އިޝާރާތްތަކުން ޖަފްނާގައި ދިރިއުޅޭ ތަމަޅައިންނަށް ވަރަށް އަސަރުކުރި ކަމަށް ވެސް އެނޫހުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރަކީ ޑިމޮކްރަސީގެ އުސޫލުން އިންތިހާބުވެފައިވާ ސަރުކާރެކެވެ. ނަމަވެސް އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރު ޖަފްނާ އަށް ކުރެއްވި ޒިޔާރަތް ވައްތަރީ މަދަނީ ސަރުކާރަކުން މަދަނީ ސަރުކާރަކަށް ކުރި ޒިޔާރަތަކަށް ވުރެ އަސްކަރީ ސަރުކާރަކުން އަސްކަރީ ސަރުކާރަކަށް ކުރި ޒިޔާރަތަކާ އެވެ. ޖަފްނާގައި ތިބި މަސްދަރުތަކުން ބުނާ ގޮތުގައި ތޮލްހަތު އިބުރާހީމް ކަލޭފާނުގެ އިޝާރާތްތަކުން ތަމަޅައިންނަށް ހިތްދަތިކަން ލިބުނެވެ." މިމަހުގެ 13 ވަނަ ދުވަހު ޓެމިލް ނެޓް ޑޮޓް ކޮމްގައިވެ އެވެ.
http://sun.mv/uploads/l_1170338.jpg
ޓެމިލްނެޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި މައުމޫނުގެ ސަރުކާރުގެ ހާރިޖީ އަދި އަސްކަރީ ސިޔާސަތު އޮތީ އެއްގޮތަކަށް ވެސް ވަކިފަރާތަކަށް ނުޖެހި އެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސްރީލަންކާ ސަރުކާރުން އޭރު ކުރަމުން ދިޔަ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން މިލިޓްރީ ޑެލިގޭޝަނެއް ލަންކާ އަށް ފޮނުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އަދި ދިވެހި ސަރުކާރާއި އިސްރާއީލާ ދެމެދު ސިއްރުން ސިޔާސީ ގުޅުން ގާއިމްކުރަމުންދާ ވާހަކަ ވެސް އެ ނޫހުގައިވެ އެވެ.
އދ. ގައި ލަންކާ ސަރުކާރަށް ތާއީދުކުރާނެ ކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ތޮލްހަތުގެ ދަތުރުފުޅާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.