19 Mar 2019, 11:57
މިދިޔަ ހަފްތާ އަކީ މުސްލިމު އުއްމަތަށް ކަޅު ހުކުރެކެވެ. ނިއުޒިލެންޑުގައި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މުސްލިމަކު މަރާލި ދުވަހެވެ. ހަމަލާދިން އިރު ގިނަ ބަޔަކު ތިބީ ނަމާދަށެވެ.
ނިއުޒިލެންޑުގައި ދިން ހަމަލާއާއެކު މުސްލިމުން ހިމާޔަތުގައި އެގައުމުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންވެސް ތެދުވިއެވެ. މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ފެނި އެތައް ބަޔެއްގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި އުފެދުނެވެ.
މި ހިތާމަވެރި ހާދިސާ ގައި މަރުވި މީހުންގެ ހަނދާނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އެމީހުންނަށް "އިހުތިރާމު އަދާކުުރުމުގެ ގޮތުން" ޓްރިބިއުޓްތައް ދީފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ފެށުމުގެ ކުރިން މި ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފައެވެ.
ނިއުޒިލެންޑް އަދި އެގައުމުގެ ރައްޔިތުން ރަމްޒުކޮށްދޭ "ސިލްވާ ފާން" ނުވަތަ ފަތްކޯޅި އަކީ އެންމެ ގިނަ ބަޔަކު މި ހާދިސާގެ ހަނދާން އާކޮށް، މަރުވި މީހުންނަށް އިހުތިރާމު އަދާކުރުމަށް ބޭނުން ކުރާ ނިޝާނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަޝްހޫރު ބިނާ ތަކަށް މި ނިޝާން އަރުވައި، އެ ހާދިސާގެ ހަނދާން ވަނީ އާކޮށްފައެވެ.
A very thoughtful and moving display of solidarity from our Australian friends on the#SydneyOperaHousein response to the#Christchurchtragedy.pic.twitter.com/jOOlqULzDd
— NZ in Australia (@NZAustralia)March 16, 2019
އެގޮތުން އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ އޮޕެރާ ހައުސްގެ ފުރާޅުގައި ވެސް މި ނިޝާން ވަނީ ދިއްލައިފައެވެ.
މާލޭގެ މަލަމަތީގައި ހުންނަ ބަންޑާރަކޮށީގެ އާއިމާރާތުގެ ފާރުގައި ހުންނަ ލެޑް ބޯޑަށްވެސް އިއްޔެ ވަނީ ސިލްވާ ފާން ނިޝާން އަރުވައިފައެވެ.
Terrorism has no religion, no colour, and no country. Today we stand in solidarity with our slain brothers and sisters in New Zealand. Truly we belong to Allah, and unto Him we return.#ChristchurchMosqueAttackpic.twitter.com/rBATnfyDWJ
— NCTC Maldives (@NCTCMaldives)March 18, 2019
"ޓެރަރިޒަމް އަކީ ވަކި ދީނެއް ނޫން، ވަކި ކުލައެއް އަދި ގައުމެއް ވެސް ނޫން. މިއަދު އަހަރެމެން މިތިބީ ނިއުޒިލެންޑުގައި ދިން ޓެރަރިސްޓު ހަމަލާގައި މަރުވި އަހަރެމެންގެ މުސްލިމު އަހުންނާއި އުހުތުންނާއެކު،" ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެއެވެ.

-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މިއީ މުސްލިމު އުއްމަތަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާއަށްފަހު މުސްލިމު އުއްމަތް އޮތީ އެކަތިގަނޑެއްގެ ގޮތުގައިކަން ދައްކައިދޭ ކަމެކެވެ. މުޅި އިންސާނިއްޔަތު އޮތީ މުސްލިމުންނާއެކުކަން ދޭހަކޮށްދެނީ މުސްލިމުން އަޅުކަމުގައި ތިއްބާ ދިން ހަމަލާއަށްފަހު، މުސްލިމުންގެ ދިފާއުގައި އެހެން ދީންތަކުގެ އަހުލުވެރިންވެސް މި ފަހަރު ތެދުވުމުންނެވެ.