19 Mar 2019, 11:12
ދިވެހި ބަހުގެ ގަވައިދުގައި ހިމެނޭ " އަކުރު" އާ ބެހޭ ގޮތުން އިލްމީ ދިރާސާއެއް ކުރަން ބަހުގެ އެކެޑަމީއިން ނިންމައިފިއެވެ.
ބަހުގެ އެކަޑަމީއިން ވަނީ އެ ދިރާސާ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންވެސް ކޮށްފައެވެ.
އެ ދިރާސާ މައިގަނޑު ބޭނުމަކީ ދިވެހިބަހުގެ އެކަޑަމީން މިހާރު އާންމުކޮށްފައިވާ ދިވެހިބަހުގެ ލަފުޒު ވަކިކުރުމުގެ ގަވާއިދު މުރާޖާކޮށް އަލުން އެކަށަ އެޅުމުގައި ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން އަކުރު އަދާކުރާ ދައުރަކީ ކޮބައިކަން ބަލައި ހޯދުން ކަމަށްވެސް ބަހުގެ އެކަޑަމީން ބުންޏެވެ.
އެ ދިރާސާއާ ގުޅޭ މަޢުލޫމާތު ދިނުން މި މަހު 27 ވާ ބުދަ ދުވަހު އެކަޑަމީގައި އޮންނާނެ ކަމަވެސް އެކަޑަމީން ބުންޏެވެ.
ދިވެހިބަހުގެ ގަވައިދުގެ ބައެއް ބައިތައް އަލުން މުރާޖާކޮށް، އެއާ މެދު އާންމުންގެ ޚިޔާލަށްވެސް ދާދި ފަހުން ވަނީ ހުޅުވާލައިފައެވެ.
އަޝްރަފް ވިދާޅުވީ ބަހުގެ ގަވައިދަކީ ވަރަށް ކުރީއްސުރެ ވެސް ހެދެމުން އައި، އަދި އެކި ޒަމާންތަކުގައި ބަދަލުތައް ގެނެވިފައިވާ އެއްޗެއް ކަމަށާއި، މިހާރަށް އެކަށޭނަ ގޮތަކަށް ގަވައިދުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
"ބަހުގެ އިލްމު ތަރައްގީވެ، ދިވެހިބަހުގެ ދާއިރާއިން ކިޔަވައިގެން ބޭފުޅުން ތިއްބެވުމާއި، އަދި ބަހަވީ ދާއިރާއިން ބޭފުޅުން ކިޔަވައިގެން ތިއްބެވުމާއެކީ، އެކެޑެމީއަށް އަލުން ފެނުނީ ދިވެހިބަހުގައި މިހާރު އެކަށައަޅާ ގަވައިދުތައް މުރާޖާކުރަން ޖެހޭނެކަން،" އަޝްރަފް ވިދާޅުވިއެވެ.
ދިވެހިބަހުގެ ގަވައިދު މުރާޖާކުރުމުގެ ގޮތުން 2012 ވަނަ އަހަރު ދިވެހިބަހުގެ ގަވައިދު ކޮމިޓީއެއް އެކުލަވާލެވުނެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ދިވެހިބަހުގެ ގަވައިދުތައް މުރާޖާކޮށް، އާ ގަވައިދުތަކަށް ބެނުންވާ ލަފާތައް އެކެޑެމީއަށްް ދިނުމެވެ.