ލަންޑަން (އޮކްޓޯބަރ 15) : އަމިއްލަ މަސްލަޙަތާއި ސަރުކާރުގެ މަސްލަޙަތު އެކަށްޗަކަށްވާ ގޮތަށް ޢަމަލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އިނގިރޭސި ދިފާޢީ ވަޒީރު ލިޔަމް ފޮކްސް، މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާއަށް އެދި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ފޮކްސް ވިދާޅުވެފައި ވަނީ އަމިއްލަ މަސްލަޙަތާއި ސަރުކާރުގެ މަސްލަޙަތަކީ އެއްކުރެވިގެންވާނެ ދެ މަސްލަޙަތު ނޫން ކަމަށާއި ނަމަވެސް ދިފާޢީ ވަޒީރު ކަމުގައި ހުންނަވައިގެން މި ދެ މަސްލަޙަތު އެއްކުރެވޭ ގޮތަށް ޢަމަލުކުރެވިފައި ވާތީ އެއީ ހެއްދެވުނު ގޯހެއް ކަމުގައެވެ. ގޯހެއް ހެއްދެވުމުން ރައްޔިތުންނަށް ޚިދްމަތްކުރެއްވުމުގައި ދެމިހުންނެވުމަކީ ރިވެތި ގޮތެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލު ނޫންކަމަށް ވެސް ފޮކްސް ވިދާޅުވެފައިވެ އެވެ. މިމޭރުމުން ލިޔުއްވާފައިވާ ސިޓީގައި، އަމިއްލަ މަސްލަޙަތާއި ސަރުކާރުގެ މަސްލަޙަތު އެއްކުރެވޭ ގޮތަށް ޢަމަލުކުރެވިފައި ވާތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް ވެސް ފޮކްސް ވިދާޅުވެފައިވެ އެވެ.

ދިފާޢީ ވަޒީރު ކަމުގައި ހުންނަވައިގެން، ދިފާޢީ ކަންކަމާ ގުޅޭ ވިޔަފާރީގައި ޙަރަކާތްތެރިވާ ބޮޑު ވިޔަފާރިވެރިއެއް ކަމަށްވާ އެޑަމް ފެރިޓީއާ ގާތްގުޅުންތަކެއް ފޮކްސް ބާއްވަމުން ގެންދެވިކަން ދާދިފަހުން ބޭޒާރުވުމުން އޭނާގެ ތެދުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ރޮއިޓާސް ބުނެ އެވެ. ނަމަވެސް އެ ވިޔަފާރިވެރިޔާއާ ގުޅިގެން ކޮރަޕްޝަނުގެ ޢަމަލެއް ހިންގެވިކަމުގެ ތުހުމަތު ފޮކްސްގެ މައްޗަށް ކުރެވިފައެއް ނުވެ އެވެ.

ފޮކްސް ބޭޒާރުވެގެން ދިޔަ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ކުރައްވާފައިވާ 18 ވަރަކަށް ރަސްމީ ދަތުރުތަކުގައި އުމުރުން 34 އަހަރުގެ ވިޔަފާރިވެރިޔާ އެޑަމް ފެރިޓިނީ ވަނީ ބައިވެރިކުރައްވާފަ އެވެ. އިނގިރޭސި ދައުލަތުގެ އެއްވެސް މަޤާމެއް އަދާނުކުރައްވާ ފެރިޓިނީ، ފޮކްސްގެ ރަސްމީ ދަތުރުތަކުގައި ބައިވެރިކުރެއްވުމަކީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ޢަމަލެއް ކަމަށް ވަނީ ބެލެވިފަ އެވެ. ފޮކްސް އިސްތިއުފާ ދެއްވި މައްސަލާގައި ހިތާމަކުރައްވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ކެމެރޮން ވިދާޅުވި އެވެ.
އިނގިރޭސި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ފޮކްސްގެ ރަސްމީ ދަތުރުތަކުގައި ފެރިޓިނީ ބައިވެރި ކުރެއްވި މައްސަލަ ތަޙްޤީޤްކުރަން ފަށާފަ އެވެ. (ރޮއިޓާސް)