ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ފާސްކޮށްފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މިއާއެކު އިންޝުއަރެންސް ޕެކޭޖަކާއެކު ސިޓީ ކައުންސިލްގެ މޭޔަރަށް މުސާރައިގެ ގޮތުގައި ޖުމްލަ 40،000 ރުފިޔާ ލިބޭނެއެވެ. އެއީ މުސާރައަށް 30،000 ރުފިޔާ އަދި ލިވިން އެލަވެންސަށް 10،000 ރުފިޔާ އެވެ.

ޑެޕިއުޓީ މޭޔަރަށް ލިވިންގް އެލަވަންސަށް 8،000 ރުފިޔާ ހިމެނޭގޮތަށް ޖުމްލަ 35،000 ރުފިޔާގެ މުސާރައާއި އިންޝުއަރަންސް ޕެކޭޖެއް ދިޮނުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރުންނަށް މަހަކު 24،000 ރުފިޔާ މުސާރައަށް އަދި ލިވިން އެލަވެންސްގެ ގޮތުގައި 6،000 ރުފިޔާ އާއެކު ޖުމްލަ 30،000 ރުފިޔާ އަދި އިންޝުއަރެންސް ޕެކޭޖެއް ދޭން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމީ ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތު އިތުުރުވުމުންނެވެ. ކޮމިޓީއިން މިގޮތަށް ފާސްކުރި ނަމަވެސް މި ނިންމުން ތަންފީޒުކުރާނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމައެވެ.

ސިޓީ ކައުންސިލްގެ މެމްބަރުންނާއި މޭޔަރުންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު މުސާރަކުޑަކުރީ ސިޓީ ކައުންސިލްގެ ބައެއް މަސްއޫލިއްޔަތުތައް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރުމަށްފަހުއެވެ.

އެއާއެކު 45،000 ރުފިޔާގެ މުސާރަ ދެމުން އައި މޭޔަރުންގެ މުސާރަ 18،000 އަށް ކުޑަކުރިއެވެ. އަދި މުސާރައަށް 35،000 ރުފިޔާ ލިބެމުން އައި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާއަށް ކުޑަކުރިއެވެ. އަދި 25،000 ލިބެމުން އައި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރީ 11،500 ރުފިޔާއަށެވެ.