15 Oct 2011, 09:11
ޓްރިޕޮލީ (އޮކްޓޯބަރ 15) : ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ގައްޒާފީއަށް ވަފާތެރި ސިފައިންނާއި އެޤައުމުގައި މިހާރުވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެއިން ފެށިގެން ހަނގުރާމަ ހިނގަމުންދާ ކަމަށް ޚަބަރު ލިބިއްޖެވެ.
އިންތިޤާލީ މަޖިލީހާ ޙަވާލާދީ އެޖެންސީ ފްރާންސް ޕްރެސް ބުނިގޮތުގައި ހަނގުރާމަ ހިނގަމުންދަނީ ޓްރިޕޮލީގެ ވަރަށް ދުރު އަވަށެއް ކަމަށްވާ އަބޫސަލީމް ގައެވެ. އަބޫސަލީމްގައި ޙަމަލާތައް ފެށުނީ އިއްޔެގެ ހުކުރުނަމާދަށްފަހު ގައްޒާފީއަށް ތާއީދުކުރާ މީހުންނާއި އޭނާއާ އިދިކޮޅުމީހުންނާ ދެމެދު ހިނގި ޒުވާބުތަކަކާއި ކުރިމަތިލުންތަކަކަށް ފަހުގައެވެ.
އަބޫސަލީމް އަކީ ޓްރިޕޮލީ ސިޓީއާ ތަންކޮޅެއް ދުރުގައިވާ އަވަށެކެވެ. ގައްޒާފީ ވެރިކަމުގައި ހުންނެވި ދުވަސްވަރު ދރިއުޅުއްވި ބާބުލްޢަޒީޒިއްޔާ ޢަސްކަރީ ކޭންޕްވެސް ހުންނަނީ މިއަވަށުގައެވެ. ލުއި ހަތިޔާރުން އިއްޔެ ފެށުނު ޙަމަލާތައް ހަނގުރާމައަކަށް ބަދަލުވެގެން ދިޔަނަމަވެސް މިހާރު އެކަން ކޮންޓްރޯލްކުރެވި ހަމަލާތައް ކުރިޔަށްދަނީ ވަރަށް ކުޑަކޮށްކަމަށާއި ގައްޒާފީއަށް ވަފާތެރި ސިފައިންގެ އެތަށްބަޔަކު މަރުވެ އަނެއްބަޔަކު ހައްޔަރުކުރެވިފައިވާ ކަމަށް އިންތިޤާލީ މަޖިލީހުން ބުނެއެވެ. އަދި މިކަމުގެ އެއްވެސް އަސަރެއް ޓްރިޕޮލީ ސިޓީގެ މެދުތެރެއަށް ނުކުރާކަމަށްވެސް ބުނެފައިވެއެވެ.
އަނެއްކޮޅުން ޓްރިޕޮލީގެ އިރުމަތިން 400 ކިލޯމީޓަރު ދުރުގައިވާ ސިރްތުގައިވެސް ގައްޒާފީއަށް ވަފާތެރި ސިފައިންނާއި އިންތިޤާލީ މަޖިލީހުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަދިވެސް ނިމުމަކަށް ނާދެއެވެ. ނަމަވެސް އެރަށުގެ 90% މިހާރު ވަނީ އިންތިޤާލީ މަޖިލީހުގެ ހަނގުރާމަވެރިންގެ އަތްދަށުގައި ކަމަށާއި ގައްޒާފީގެ ބާރުތައް ބަލިކޮށްލެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)