ފުވައްމުލަކު ފައުންޑޭޝަން ސްކޫލަކީ ތުއްތުކުދިންގެ ތައުލީމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެކަންކަން އިސްލާހު ނުކޮށް އަންނަ އަހަރު އެ ސްކޫލްގައި ކިޔަވައި ނުދިނުމަށް ސްކޫލްގެ މަސްއޫލުވެރިޔާ، އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަނަށް ދިގުވާނޑު ކައުންސިލުން އަންގައިފި އެވެ.

ދިގުވާނޑު ކައުންސިލުން އެގޮތަށް ފަހުމީއަށް އެންގީ އެ ކައުންސިލުން ފުވައްމުލަކު ފައުންޑޭޝަން ސްކޫލުގެ ހާލަތު ބަލައި ވަޒަން ކުރުމަށް ފަހު އިއްޔެ ފަހުމީއަށް ފޮނުވި ސިޓީއެއްގަ އެވެ.
~
އެ ސިޓީގައި ބުނެފައިވަނީ 72 ދަރިވަރުން ކިޔަވާ ޕްރީސްކޫލްގެ މާހައުލު އޮތް ގޮތުން ތުއްތުކުދިންގެ އަޚުލާގަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި އެ ސްކޫލުގެ ވެށިން ދަރިވަރުންނަށް ސިއްހީގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް އެ ކައުންސިލަށް ގަބޫލު ކުރެވޭ ކަމަށެވެ.
"... އެ ސްކޫލަކީ ތުއްތުކުދިން ތައުލީމު އުނގެނުމަށްޓަކައި ވަގުތު ހޭދަކުރުމަށް އެކަށީގެންވާ ތަނެއްނޫނެވެ. މިތަނުގެ މާހައުލު އޮތް ގޮތުން ތުއްތުކުދިންތަކެއްގެ އަދަބު އަހުލާގަށް ނޭދެވޭ އަސަރު ކުރުމާއިއެކު ސިއްހީގޮތުން ގިނަގުނަ މައްސަލަތަކަކާއި ކުރިމަތިވާނެކަމުގައި ގަބޫލުކުރެވެއެވެ،" ކައުންސިލުގެ ސިޓީގައި ވެއެވެ.

ސިޓީ ބުނާ ގޮތުގައި ސްކޫލްގައި ހަތަރު ފާހާނާ ހުރިއިރު ތުއްތުކުދިންނަށް އެކަށީގެންވާ ފެންވަރުގެ ފާހާނާއެއް ނެތެވެ. ހުރި ފާހާނަތައް ކުދިން ބޭނުންކުރާއިރު ފާހާނާގެ ފާރުތަކުގައި ބޭއަދަބީ އިބާރާތްތަކާއި މަންޒަރުތަށް ކުރަހާފައިވާ ކަމަށާއި އެކަމަކީ އެ ސްކޫލްގައި ކިޔަވާ ތުއްތު ކުދިންގެ މުސްތަގުބަލް ހަލާކުކޮށްލުމަށް ގަސްދުގައި އެ ސްކޫލްގެ މެނޭޖްމަންޓުން ކުރާކަމެއްކަމަށް އެ ކައުންސިލަށް ސިފަކުރެވޭކަމަށް ވެސް ބުނެފައި ވެއެވެ. އަދި ބުނަނީ މިކަންކަން ރަނގަޅު ނުކޮށް 2012 ވަނަ އަހަރު އެ ސްކޫލްގެ ކިޔެވުން ނުފެށުމަށެވެ.

ފަހުމީ މިއަދު ވިދާޅުވީ ކައުންސިލުން އެ ސިޓީ ފޮނުވީ ކޮން މަގުސަދެއްގައިކަން އެނގިވަޑައި ނުގަންނެވި ނަމަވެސް ސްކޫލާބެހޭ ގޮތުން އެ ސިޓީގައިވާ ކަންތައް ރަނގަޅު ކުރުމަށް ސްކޫލްގެ ޕްރިންސިޕަލަށް އިރުޝާދު ދެއްވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ މީސްމީހުން ހިންގާ ޕްރީ ސްކޫލްތައް ހުއްޓުވުމުގެ ބާރު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައި ނުވާކަމަށެވެ.
"ސްކޫލްގެ ކަންތައް ރަނގަޅުކުރުމަށް އަޅުގަނޑު ސްކޫލްގެ ޕްރިންސިޕަލަށް އިރުޝާދު ދޭނަން. އެކަމަކު އަޅުގަނޑަކަށް ނޭނގޭ އިނގޭތޯ ކައުންސިލުން އެ ސިޓީ ފޮނުވި މަގުސަދެއް. ދަންނަވަންތޯ މީސްމީހުން ހިންގަމުން އަންނަ ސްކޫލްތައް ހުއްޓުވުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންނުވޭ،" ފަހުމީ ވިދާޅުވިއެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Fahumee Hassan (mp3)