18 Mar 2019, 18:42
އެކި ހިސާބުތަކުން 11 ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމަށް ހުޅުވާލުން އޮންނާނީ ފެށޭ މަހުގެ 18 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ފެނާއި ނަރުދަމާ ގައިމް ކުރުމަށް އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހދ. އަދި ށ. އަތޮޅުން ދެރަށެއްވެސް ހިމެނެ އެވެ.
ފެނާއި ނަރުދަމާއަޅަން އިއުލާނު ކުރި ރަށްތައް
- ހއ. ފިއްލަދޫ، ހދ. ފިނޭ، ހދ ނައިވާދޫ، ށ. ނަރުދޫ، ށ މާއުނގޫދޫ، ރ. އިނގުރައިދޫ، ނ. ހޮޅުދޫ، ނ. ޅޮހި ، ފ. މަގޫދޫ، ލ. މާވަށް ، ކ. ގުޅި
އާ ސަރުކާރު އައި ފަހުން ފެނާއި ނަރުދަމާ އަޅަން ހުޅުވާލި މިއީ ފުރަތަމަ ރަށްތަކެވެ. ނަމަވެސް އިތުރު ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާ މިއަހަރު ތެރޭގައި އަޅަން ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމޭއިރު ފެނާއި ނަރުދަމާ ނާޅާ އެއްވސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.