14 Oct 2011, 14:28
ވޮޝިންޓަން (އޮކްޓޯބަރު 14) އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު އަވަހާރަކޮށްލަން އީރާނުން ރޭވި ކަމަށްބުނެ އެމެރިކާ އިން އީރާނާ ދެކޮޅަށް އިތުރު ޕްރޮޕަގެންޑާތަކެއް ފަށައިފިއެވެ. ވައިޓް ހައުސް އިން މިއަދު ބުނީ މިމައްސަލަ ސަލާމަތީ މަޖިލީހަށް ވައްދައި ބައިނަލްއަޤްވާމީ މުޖްތަމަޢު އީރާނާ ދެކޮޅަށް ނެރުމަށް އެމެރިކާ މަސައްކަތްކުރާނެ ކަމަށާއި މިމަސައްކަތުގައި ބައިވެރިވާނެކަން ސަޢޫދީ އަރަބިޔާއިން ހާމަކޮށްފައިވާ ކަމުގައެވެ.
މިމައްސަލާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ ވިދާޅުވީ އީރާނުން ހިންގާ ހަރުކަށި ޢަމަލުތަކަށް އަދަބު ދިނުމުގެ ހަނދާނުން ނުފިލާވަރުގެ ފިލާވަޅެއް އީރާނަށް ދޭންޖެހޭ ކަމުގައެވެ. އަދި އީރާނާ ދެކޮޅަށް ކޮންމެ ފިޔަވަޅެއްވެސް އެޅުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށްބުނެ އެމެރިކާގެ މަސްއޫލުވެރިންވަނީ ހަރުކަށި އުސޫލުން އީރާނަށް ބިރުދެއްކުމުގެ އިންޒާރުތަކެއް ދެއްވަން ފައްޓަވާފައެވެ.
އެމެރިކާ ބުނަމުން ދަނީ ސައޫދީ ސަފީރު އަވަހާރަކޮށްލަން އީރާނުން މަސައްކަތްކުރި ކަމަށާއި އެ މައްސަލާގައި އީރާން ޒިންމާކުރުވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން އީރާން އިތުރަށް އެކަހެރިކުރަން މަސައްކަތްކުރާނެ ކަމުގެ އިންޒާރު އެމެރިކާ ދެމުން ގެންދިޔަނަމަވެސް ޑިޕްލޮލެޓިކް ފިޔަވަޅުނޫން އެހެން ފިޔަވަޅެއް އީރާނާ ދެކޮޅަށް އަޅަން ހަމަޖެހިފައިނުވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ބުނެއެވެ.
އެމެރިކާގެ ބައެއް ނޫސްތައް ބުނިގޮތުގައި އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު އަވަހާރަކޮށްލަން އީރާނުން ރޭވި ކަމަށްބުނެ އެމެރިކާ ދައްކާ ވާހަކަތަކުގެ އެއްވެސް ހެއްކެތް ނެތެވެ. މިވާހަކަ ދައްކައި އީރާނުގެ މައްޗަށް އެމެރިކާ ކުރާ ތުހުމަތުތައް ބިނާކޮށްފައިވަނީ ހަމައެކަނި ހީތަކެއްގެ މައްޗަށް ކަމަށް އެމެރިކާގައި ޝާއިޢު ކުރެވުނު ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ މިތުހުމަތުތަކާ އަދި އިންޒާރުތަކާ ގުޅިގެން އީރާންވަނީ މިމައްސަލާގައި އެމެރިކާއަށް އިންޒާރުކޮށްފައެވެ. އީރާންގެ ޚާރިޖީ ވަޒީރު އަލީ އަކްބަރު ސާލިހީ ވިދާޅުވީ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށާއި އެކަމަކު ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުންނަމަ އެކަމުގެ ހިތިރަހަ އެމެރިކާއަށް ދައްކާލަން އީރާން އޮތީ ކެތްމަދުވެފައި ކަމުގައެވެ.
އެމެރިކާއަކީ ދޮގުހެދުމުގެ މަންމަ ކަމަށް ސިފަކުރަމުން އީރާނުގެ ނޫސްތައް ބުނެފައިވަނީ ޢިރާޤުގެ ހަތިޔާރުގެ މައްސަލާގައި އެމެރިކާ ހެދި ދޮގުތައް ބޭޒާރު ވުމަށްފަހު އެމެރިކާއަކީ ދޮގުގެ ރަސްގެފާނުކަން މުޅިދުނިޔެވެސް ދަންނަ ކަމަށާއި ކޮންމެ ފަދަ ދޮގެއް ހަދަންވެސް އެމެރިކާ ޖެހިލުންނުވާ ކަމުގައެވެ. އަދި އެމެރިކާގެ މަސްއޫލުވެރިންގެ އިތުރުން އެމެރިކާގެ މުއައްސަސާތަކަކީވެސް ދޮގުހެދުމުގެ އާދަޔާ ޚިލާފް ހުނަރެއް ލިބިފައިވާ ފަރާތްތަކެއް ކަމަށް އީރާނުގެ ނޫސްތައް ބުނެއެވެ.
އީރާނަކީ މީގެ 33 އަހަރު ކުރިން ފެށިގެން އެމެރިކާގެ މިފަދަ ބިރުދެއްކުންތަކާ ކުރިމަތިލަމުން ގެންދާ ޤައުމެކެވެ. އަދި ދެން އަޅާނެ ފިޔަވަޅެއް ނެތްވަރަށް އެމެރިކާވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާން އެކަހެރި ކުރެވެން އޮތް މިންވަރަށް އެކަހެރި ކޮށްފައި ކަމަށާއި ނިއުކްލިޔަރ މައްސަލާގައިވެސް އެމެރިކާ އިސްވެ އޮވެގެން އދ. ގެ ސަލާމަތީ މަޖިލީހުން އީރާނާ ދެކޮޅަށް ވަނީ ދަތިކުރުމުގެ އެތަށް ފިޔަވަޅެއް އަޅާފައިވާ ކަމަށް އީރާނުގެ ނޫސްތައް ބުނެއެވެ.
އީރާނުން ނިއުކްލިޔަ ޓެކްނޮލޮޖީ ޙާސިލްކޮށް ޖައްވަށް ސެޓަލައިޓް ފޮނުވުމާއި ބަރުހަތިޔާރު ހެދުންފަދަ ސައެންސްގެ ދާއިރާތަކުގައި އީރާން ހިންދެމިލާފައިވަނީ އެމެރިކާގެ މިފިޔަވަޅުތައް އަޅާފައިވަނިކޮށް ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ބިރުދެއްކުންތަކާއެކުވެސް އީރާން އިނދަޖައްސާލުމުގައާއި އީރާން އެކަހެރި ކުރުމުގައާއި އީރާންގެ ސިޔަސަތުތައް ބަދަލު ކުރުމުގައި އެމެރިކާވަނީ މުޅިން ނާކާމިޔާބުވެފައިވާ ކަމަށްވެސް އެޤައުމުގެ ނޫސްތައް ބުނެއެވެ.
އީރާނަށް ކިތަންމެ ވަރަކަށް އިންޒާރު ދިންނަމަވެސް އީރާނަށް ކުޑަކޮށްވެސް ގޯނާއެއް ކުރުމަށާއި އީރާނާ ދެކޮޅަށް އެއްވެސް މިންވަރަކަށް ހަތިޔާރު އުފުލުމަށް އެމެރިކާވަނީ ފަސްޖެހިފައެވެ. -- ނޫސްއެޖެންސީތައް