އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރަޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

އިންޑިއާ ސަރުކާރުގެ ޖެޓުގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ރާއްޖެއަށް 100 މިލިއަން ރުފިޔާއާއި ހަމައަށް ހިލޭ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ރާއްޖެއަށް 100 މިލިއަން ރުފިޔާއާއި ހަމައަށް ހިލޭ އެހީ ދިނުމަށް ވެސް ވަނި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރާއްޖެއިން ފުރާވަޑައިގަންނަވަނީ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާއިން ރާއްޖެއަށް ހިލައާއި ހިލަވެލީގެ އިތުރުން އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތައް އެކްސްޕޯޓުކުރުމަށް ކޯޓާ އާކުރަން ވެސް މި ދަތުރުފުޅުގައި ވަނީ އެއްބަސްވެފައެވެ.

ސުޝްމާގެ ދަތުރުފުޅުގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވުވުމުގެ ޕްރޮގްރާމެއް އިއްޔެ ވަނީ އިފްތިތާހުކޮށްފައެވެ.

މި ދަތުރުފުޅުގައި ސުޝްމާ ވަނީ ސަރުކާރުގެ ގިނަ ވަޒީރުންތަކަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ސުޝްމާ ވަނީ މަޖިލިސް ރައީސް ގާސިމް އިބްރާހިމްއާވެސް ބައްދަލުކުރެއްވިއެވެ.