18 Mar 2019, 14:49
ސަރުކާރުގެ ވަޒީރުންގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ކޮމިޓީން ގެނައި އިސްލާހަށް ވޯޓަށް ނާހައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ނިންމައިފިއެވެ.
އެގޮތަށް ނިންމީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ގާސިމް ވިދާޅުވީ އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފާއެއް ހޯދަން ނިންމާފައިވާ ކަމަށެވެ.
"ނޯ ކޮންފިޑެންސް ވޯޓެއްގެ މައްސަލައިގައި ކުރައްވާފައިވާ ހުކުމާއި ގުޅުވައިގެން ސުޕްރީމް ކޯޓަށް އަޅުގަނޑުމެން ލަފަޔަކަށް އެދި ލިޔުން އިސްލާހުކުރެވޭނެ ނުވަތަ މުރާޖައާ ކުރެވޭނެ ފުރުސަތު އޮތްތޯ ބައްލަވައި ދެއްވަން އެދި ދަންނަވަން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ މެދުގައި ވާހަކަ ދެއްކިފައިވާތީ އަޅުގަނޑު އެ ގޮތަށް މިއަދު އެ ވޯޓު ނާހާގޮތަށް ނިންމާފައިވާނީ،" ގާސިމް ވިދާޅުވިއެވެ.
އިސްލާހުގައިވާ ގޮތުން ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، އެ ހުށަހެޅުމުގައި ހުރި ކަންކަން ބެލުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީއަށް މައްސަލަ ފޮނުވަން ޖެހެއެވެ. ކޮމިޓީގައި ތިއްބަވާނީ ކޮންމެ ޕާޓީއަކުން މެމްބަރަކާއި އަމިއްލަ އެއް މެމްބަރެވެ.
އާ ގަވައިދު ކޮމެޓީއިން ފާސްކޮށްފައިވަނީ މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފިނަމަ، އެމީހެއްގެ މަގާމު ވަގުތުން ގެއްލޭ ގޮތަށެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ކުރި ހުކުމުގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.