18 Mar 2019, 12:45
ހުޅުމާލެ އާއި ސިނަމާލެ ބުރިޖާ ގުޅުވައިދޭ ހައިވޭގައި ކާރެއް އެކްސިޑެންޓްވެ، ހަވޭ ވަކިކުރަން ޖަހާފައިވާ ޑީވައިޑަރުތައް ހަލާކުވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެލުމެއް ލިބިިފައެއް ނުވެ އެވެ.
ފުލުހުންނަށް އެ ހާދިސާގެ ރިޕޯޓް ލިބުނީ، މިއަދު ހެނދުނު 11:34 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ހައިވޭގެ ހަތަރު ލޭން ނިމޭ ސަރަހައްދުގައި، މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޓެކްސީއެއް ޖެހި، ޑިވައިޑަރުތައް ހަލާކުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެކްސްޑެންޓްވި އިރު، ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ޓެކްސީ އެކްސްޑެންޓްވުމުގެ ސަބަބުން ޑިވައިޑާތައް ހަލާކުވެފައި -- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް ވަނީ ހުޅުމާލޭ ހައިވޭގެ ހަތަރު ޓްރެކް ސަރަހައްދުގައި އެކްސިޑެެންޓެއް ހިނގައި ޑިވައިޑަރުތައް ހަލާކުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ފުލުހުންނަށް 508 އެކްސިޑެންޓްގެ މައްސަލަ ވަނީ ހުށަހެޅިފަ އެވެ. އޭގެ ތެރޭގައި މި މަހުގެ މިހާތަނަށް 123 އެކްސިޑެންޓެއް ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.