އަންނަ އަހަރުގެ ފިނި މޫސުމަށް އެއާ ފުރާންސްގެ ބޯޓުތައް ރާއްޖެ އަށް ޝެޑިއުލް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ ތިން ދުވަސް ކުރިން ރައީސް ނަޝީދު ފުރާންސަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ރޭޑިއޯ ޚިތޯބުގައި ވިދާޅުވީ ފުރާންސުން ރާއްޖެ އަށް އަންނަ ގިނަ ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އަދި ފުރާންސުން ރާއްޖެ އަށް ގިނަ ޓުއަރިސްޓުން ގެނެވޭނެ ގޮތްތަކަކީ ކޮބައިތޯ ދެނެގަތް ކަމަށެވެ. އަދި އެއާ ފުރާންސްގެ ވައިސް ޕްރެޒިޑެންޓާ ބައްދަލުކޮށް އެ ކުންފުނީގެ ޝެޑިއުލް ބޯޓެއް ރާއްޖެ އަށް ގަވާއިދުން އާދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރަޕްގެ ފިނިމޫސުމަށް ވާއިރަށް އެއާ ފުރާންސްގެ ޝެޑިއުލް ބޯޓެއް ދަތުރު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް މިވާހަކަތަކުން ފެނުނީ، އެއާ ފުރާންސްގެ ބޯޓް، ރާއްޖެ އަށް ވަރަށް ކައިރި މުސްތަޤްބަލެއްގައި، އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، އެބޭފުޅުން މިކަމުގެ ތެރެއަށް ދިޔުމަށް ނިންމުމުގެ ފަހުން ވެސް އަދި ހައެއްކަ މަސް، އެބޭފުޅުންނަށް ސީދާ ޢަމަލީގޮތުން ފަށައިގަތުމުގެ ކުރީގައި، ހައެއްކަ މަސް ނަގާނެ ކަމަށް މިފެންނަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ފުރާންސަށް މިފަހަރު ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ އެތައް ކަމަކަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެން ހިނގައްޖެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފުރާންސުން މިހާރު ރާއްޖެ އަންނަނީ ގާތްގަނޑަކަށް ސާޅީ ހާސް ޓުއަރިސްޓުން ކަމަށާއި ނަމަވެސް އެ ޢަދަދު ދެގުނަކޮށް، އިނގިރޭސިވިލާތުން ވެސް މިހާރު އަންނަ އަދަދަށް ފުރާންސުން ޓުއަރިސްޓުން ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

“މިދަތުރުގައި އަޅުގަނޑު ފަރަންސޭސި ތަރައްޤީ އަށް މަސައްކަތްކުރާ އޭޖެންސީ، އޭއެފްޑީ، އެ އޭޖެންސީގެ އިސް ބޭފުޅުންނާ ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އަޅުގަނޑުމެންނަށް މިހާރު ފެނިފައި ވަނީ، އެ އޭޖެންސީގެ ފަރާތުން މިހާރު ހިންގުމަށް މަޝްވަރާ ކުރަމުންމިދާ އިތުރު ދެ ނަރުދަމާގެ މަސައްކަތް، އެއީ ތިނަދޫ ނަރުދަމަ އާއި، ލ. ގަމުގެ ނަރުދަމާގެ އިތުރުން އަޅުގަނޑުމެންނަށް އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކެއް، އެބޭފުޅުން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ދެއްވާފައި. އެހެންވީމާ، މީގައި ދެން އޮތީ އަޅުގަނޑުމެން މާލޭގައި ތިބެގެން، ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެން، ޕްރޮޖެކްޓްތައް، ފޮރިން އެފެއާޒް މެދުވެރިކޮށް، އެ ދާން ޖެހޭ ފަރާތްތަކަކަށް ގެންގޮސް، އަޅުގަނޑުމެން އެކަން ކާމިޔާބު ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ދަތުރުގައި ފްރާންސްގެ ފޮރިން މިނިސްޓަރާ އެކުގައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވި ކަމަށާއި އަދި ލީބިޔާގެ މައްސަލައިގައި، ދިވެހިން ފަރަންސޭސިންނާ އެކުގައި ތިބި ތިބުމަށް ވަރަށް ބޮޑަށް މަރުހަބާކީ ކަމަށެވެ.

"އަޅުގަނޑުމެންގެ މިދަތުރުގެ ތެރޭގައި، މި މަސައްކަތްތައް ހިނގަމުންދިޔައިރުގައި، އިރާދަކުރައްވައިގެން، މިފަހަރު ޓުއަރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ވެސް ދަތުރުގައި ބައިވެރިވެވަޑައިގެން އަދި އެންވަޔަރަންމަންޓް މިނިސްޓަރު އަސްލަމް ވެސް ދަތުރުގައި ބައިވެރިވެވަޑައިގަންނަވައިގެން، ވަރަށް ރަނގަޅު މަސައްކަތްތަކެއް މިވަނީ އިރާދަކުރައްވައިގެން ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.