14:30


ހިރިގަލުން ހަދައިފައި އޮތް ސަންދޯކެއް ސ. ހިތަދޫ ފަޅުގެއެއްގެ ތެރޭ ވަޅުލާފައި އޮއްވާ ފެނިއްޖެ އެވެ.


އައްޑޫ ރީޖަންގައި ގާއިމްކޮށްފައިވާ ފުލުހުންގެ އެޓޯލް ކޮމާންޑްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ސަންދޯއް ފެނިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހިތަދޫ ފަޅު ގެއެއްގެ ގޯތި ތެރޭ މީހަކު ގަހެއް އިންދަން ވަޅެއް ކޮންނަނިކޮށް ކަމަށެވެ. އެހެން ނަމަވެސް ހިރިގަލުން ހަދާފައިވާ އެ ސަންދޯކުގައި ގަބުރެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގިފައިނުވާ ކަމަށާއި އަދި ބަލާފައި ވެސް ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ ބޭފުޅުން ވަޑައިގަންނަވަންދެން އެ ސަރަހައްދު ފުލުހުން ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި ފެނުނު ސަންދޯކާ މެދު ގޮތެއް ނިންމާނީ އެބޭފުޅުން ވަޑައިގެން ބެއްލެވުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ގަސް އިންދަން ކޮނުނު މީހާ އަށް އެ ސަންދޯކުގެ ތެރޭން ވަނީ ކޮންމެވެސް ވަރަކަށް ކަށިވެސް ފެނިފަ އެވެ. އެ ސަންދޯއް ވަޅުލާފައި ވަނީ ގިބްލަ ހުރި ދިމާލަށް ނޫން ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.