ރާއްޖެ އާއި އިންޑިއާއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖުގެ ދަތުރުފުޅުގެ ތެރެއިން މި ތިން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ގެނގުޅޭ ފަރާތްތަކުގެ ވިސާގެ ކަންތައް ފަސޭހަ ކުރުމާއި އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއެއްގެ އިތުރުން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ އެއްބަސްވުމެކެވެ.

ސުޝްމާގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ދެގައުމުގެ ޖޮއިންޓް މިނިސްޓީރިއަލް ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ބައްދަލުުވުވުމުގައި ދެގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ވިޔަފާރި، އިގްތިސޯދު، ޑިފެންސް އަދި ކެޕޭސިޓީ ޑިވެލޮޕްމެންޓް ހިމެނެ އެވެ.

ސުޝްމާގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ބައިލެޓްރަލް މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި މަޝްވަރާތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށެވެ.

މި ދަތުުފުޅުގައި ސުޝްމާ ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރައްވައިފަ އެވެ. މި ދަތުރުފުޅުގައި ސުޝްމާ ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވަން ހަމަޖެހިފައިވެ އެވެ.