އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ އާބާތުރަ ފިލުވައިދިނުމުގެ މަޝްރޫއެއް ހިންގަން ނިންމައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ އިންޑިއާގެ އެހީގަ އެވެ. އެ މަޝްރޫއު އިއްޔެ އިފްތިތާހުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖެވެ.

އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާކުރި ހޮސްޕިޓަލެކެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި ހިންގަމުންދާ އައިޖީއެމްއެޗުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް މީގެ ކުރިން ވެސް އިންޑިއާގެ އެހީގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިއްޔެ އިފްތިތާހުކުރި މި މަޝްރޫއާ ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބުނީ އައިޖީއެމްއެޗަކީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ ނިޝާނެއް ކަމަށެވެ. އައިޖީއެމްއެޗުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށްދޭ ހަދިޔާއެއް ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް މި މަޝްރޫއުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.