ސަލްމާންހާންގެ ކާމިޔާބު ސީކުއަލް "ދަބަންގް 3"ގެ ޝޫޓިން އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ފަށައި، ފިލްމު އަންނަ ޑިސެމްބަރު މަހު ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ފިލްމު އަންނަ ޑިސެމްބަރުގައި ރިލީޒްކުރާނެކަން ޔަގީންވި ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.

އެ ފިލްމުގެ ޝޫޓިން ނުފެށި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ޝޫޓިން ފެށުމަށް މިދިޔަ އަހަރު ވެސް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޝޫޓިން ފެށިފައެއްނުވެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަރްބާޒް ޚާން ބުނީ އެންމެ ފުރަތަމަ ޝޫޓް ކުރާނީ މަހޭޝްވަރުގައި ކަމަށެވެ. އަދި މުމްބާއީގައި ވެސް ޝޫޓިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު ''ދަބަންގް 2'' ރިލީޒް ކުރި އެވެ.

"ދަބަންގް 3" ބެލުންތެރިންނާ ހަމައަށް އަންނަނީ ހަ އަހަރުގެ ދުވަހުގެ މުއްދަތަކަށްފަހު އެވެ.