ނަވާޒުއްދީން ސިއްދީޤީ އަކީ މިހާރު ހަމަގައިމު ވެސް އިތުރު ތައާރަފަކަށް ބޭނުންވާނެ ފަންނާނެއް ނޫނެވެ.

ފުރަތަމަ އޭނާ ފެނިގެންދިޔައީ ކުދިކުދި ރޯލުތަކުންނެވެ. ނަމަވެސް މިހާރު އެއީ ފިލްމުތަކުގެ ލީޑު ރޯލުން ފެންނަ އަލިގަދަ ތަރިއެކެވެ. ބޮލީވުޑުގައި ތިބި ހުނަރުވެރި އެކްޓަރުންގެ ލިސްޓުގެ ވަރަށް ކުރިން އޭނާ ޖާގަ ހޯދަ އެވެ. ކޮންމެ ކަހަލަ ރޯލަކަށް ވެސް އޭނާ ހަމަ އެއްވަނަ އެވެ. މިހާރު ނަވާޒުއްދީނަކީ ކާމިޔާބު މީހެއް ނަމަވެސް، އެ ކާމިޔާބީއާ ހަމައަށް ދެވުނީ ވަރަށް ދުވަހުގެ ބުރަ މަސައްކަތުންނެވެ. އޭނާއަކީ ފިލްމީ އާއިލާއަކަށް އުފަން މީހެއް ނޫނެވެ. އަދި ބޮލީވުޑް "ހީރޯ" އެއްގެ އެއްވެސް ސިފައެއް އޭނާގެ ކިބައިގައި ނެތް ކަމަށް އެތައް ބަޔަކު ބުންޏެވެ. ނަމަވެސް މިއަދު އޭނާ އަމިއްލައަށް ކުރި މަސައްކަތުން މިވަނީ އެކަން ވެސް ހާސިލްކޮށްފަ އެވެ. ހިއުމަންސް އޮފް ބޮމްބޭ ފޭސްބުކް ޕޭޖަށް ދިން އިންޓަވިއުއެއްގައި ނަމާޒުއްދީން މިވަނީ އޭނާ މިއަދު ހުރި ހިސާބަށް އައުމަށް އޭނާ ކުރި މަސައްކަތް ކިޔައިދީފަ އެވެ.

ނަވާޒުއްދީން ބުނީ އޭނާއަކީ އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ކުޑަ އަވަށެއްގެ ދަނޑުވެރި އާއިލާއަކަށް އުފަން މީހެއް ކަމަށެވެ. އޭނާ އާއެކު އޭނާގެ މައިންބަފައިންގެ ޖުމްލަ ނުވަ ކުދިން ތިބެއެވެ. އަދި އޭނާ އަކީ އެންމެ ދޮށީ މީހާ ކަމަށްވުމުން އާއިލާގެ ހުރިހާ ޒިންމާއެއް އެޅިފައި އޮތީ އޭނާގެ ކޮނޑުގަ އެވެ. އެކްޓު ކުރުމަށް ނަވާޒުއްދީން ޝައުގުވެރިކަން އުފެދުނީ އޭނާގެ ރައްޓެއްސެއް ކުޅުނު ސްޓޭޖް ޑްރާމާއެއް ފެނިގެންނެވެ. އެހިސާބުން އެކްޓަރަކަށް ވުމުގެ ހުވަފެން ހިތަށް ވަދެ، އެ ހުވަފެނުގައި ކުލަ ޖެއްސުމަށް އޭނާ މުމްބާއީއަށް ބަދަލުވީ އެވެ. އާއިލާގެ ފުރިހަމަ އެއްބާރުލާ އެކު އެވެ.

ނަމަވެސް އޭނާ އަކީ މުއްސަންޖަކަށް ނުވުމުން، މުމްބާއީގައި ދިރިއުޅެން ޖެހުނީ އެކި މީސްމީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ.

"ދެ ދުވަހުގެ ތެރޭގައި އަނބުރާ ދޭނެ ކަމަށް ބުނެ އެކަކު އަތުން ފައިސާ ނަގައި، އެ ފައިސާ ދައްކަން އަނެއްކާ އެހެން މީހެއްގެ އަތުން ފައިސާ ހޯދާ އެހެން އުޅެން ޖެހުނީ އޭރު. އޭރު އެއް ކޮޓަރީގައި ހަތަރު މީހުން އުޅުނީ،" ނަވާޒުއްދީން ބުންޏެވެ.

މުމްބާއީގެ ހަލަބޮލި ދިރިއުޅުން ދަސްކުރުމަށް އޭނާއަށް ވަގުތު ނެގިއެވެ. ރަނގަޅު ފުރުސަތެއް ލިބެންދެން މުމްބާއީގައި އުޅެވުނު ކޮންމެ ހާލެއްގައި ވެސް އުޅެން އޭނާ ހުރީ ތައްޔާރަށެވެ. އެގޮތުން ފައިސާ ހޯދުމަށް ނަވާޒުއްދީން ވަނީ ތަފާތު އެކި އެކި މަސައްކަތް ކޮށްފަ އެވެ.

"އަހަރެން ވާނީ ދޮރުފާރަވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައި. މަގުމަތީގައި ފަތްޕިލާވެލި ވެސް ވިއްކަން އުޅުނިން. އެކްޓިން ވޯކްޝޮޕްތައް ވެސް ހުންނާނީ ހިންގާފައި،" ނަވާޒުއްދީން ބުންޏެވެ.

ނަވާޒުއްދީން ބުނީ އޭނާއަށް 100 އަށް ވުރެ ގިނަ އޯޑިޝަންތަކަށް ދެވިފައި ހުންނާނެ ކަމަށާއި، އަދި ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުންވެސް ހިފި ކަމަށެވެ. އެންމެ ފަހުން އޭނާ ކުރި ބުރަ މަސައްކަތުގެ އަގު ލިބުނީ މުމްބާއީ އަށް ބަދަލުވިތާ 12 އަހަރު ފަހުންނެވެ.

ފިލްމީ ދާއިރާއިން ފުރުސަތު ލިބުމާ ހަމައަށް އޭނާ ގަނަތެޅުނީ ކަމަށާއި، އެ ދިރިއުޅުން ސިފަކޮށްދޭން އިތުރު ގޮތެއް ނެތްކަމަށް ނަވާޒުއްދީން ބުންޏެވެ. އެހެންނަމަވެސް އެއީ މިހާރު މާޒީއެވެ. 'މުންނާބާއީ އެމްބީބީއެސް'ގައި އޭނާ މަސައްކަތް ކުރިކަން ގިނަ ބަޔަކަށް ނުވެސް އެނގެ އެވެ. ނަމަވެސް އޭނާ ވަނީ 'ލަންޗްބޮކްސް' އިން ފިލްމުފެއާ އެވޯޑު ހޯދައިފަ އެވެ. 'ސަރްފަރޯޝް'ގައި ވެސް އޭނާ ފާހަގަވި މީހަކު ނެތެވެ. އެކަމަކު މިހާރު އެއީ މުޅި ދުނިޔެއަށް އެނގޭ "ގަނޭޝް ގައިތޮންޑޭ" އެވެ. ނަވާޒުއްދީން ބުނީ އޭނާއަކީ މިހާރު މީހުން ދަންނަ މަޝްހޫރު އަދި ކާމިޔާބު އެކްޓަރެއް ނަމަވެސް، އޭނާގެ ދަތުރު އަދި ކުރިއަށް އޮތީ ކަމަށެވެ.